އެމެރިކާއިން އެންމެ ފަހުން އާންމުކުރި އިޤްތިޞާދީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގައި އެމެރިކާގެ ވިޔަފާރިތަކުން ވަނީ 304،000 ވަޒީފާ އުފައްދާފައެވެ. އެއީ މިދިޔަ މަހަށް ލަފާކުރި 165،000 ވަޒީފާ އަށްވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ.
މިދިޔަ މަހު އެމެރިކާގައި އުފެއްދި ވަޒީފާތަކުގެ އަދަދު އިތުރުވެފައި ވަނީ ހޮސްޕިޓާލިޓީ، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްޙީ އަދި ވެއާހައުސިންގ ދާއިރާތަކުން ކަމަށް ޔޫއެސްގެ ޑިޕާޓްމަންޓް އޮފް ލޭބަރ އިން ބުނެއެވެ.
މިއީ މެދުކެނޑުމެއްނެތި އެމެރިކާއިން އުފައްދާ ވަޒީފާތައް އިތުރުވި 100 ވަނަ މަހެވެ.
އެހެންނަމަވެސް ޖެނުއަރީ މަހު އަންއެމްޕްލޮއިމެންޓް ރޭޓް ވަނީ 3.9% އިން 4% އަށް އިތުރުވެފަ އެވެ. ލޭބަރ ޑިޕާޓްމަންޓުން ބުނާގޮތުގައި އެއީ އެޤައުމުގެ ސަރުކާރު ހުއްޓުމަކަށް އައުމުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ސަބަބުން ޕާޓް-ޓައިމްކޮށް ވަޒީފާ އަދާކުރާ މީހުންގެ އަދަދު މިދިޔަ މަހު އިތުރުވެފައިވާ ކަމަށްވެސް ލޭބަރ ޑިޕާޓްމަންޓުން ބުނެއެވެ.
މިދިޔަ ޑިސެމްބަރު މަހު 312،000 ވަޒީފާ އުފައްދާނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަދަދު ވަނީ ފަހުން 222،000 އަށް މަދުކޮށްފަ އެވެ.
އެވަރެޖުކޮށް 2018 ވަނަ އަހަރު އެމެރިކާގެ ވިޔަފާރިތަކުން ވަނީ މަހަކު 223،000 ވަޒީފާ އުފައްދާފައެވެ.