ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލޭންޑްސް ގޯލްކީޕަރު ޔެސްޕާ ސިލެސަން އަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ސިލެސަން އަށް އަނިޔާވީ އިއްޔެ މެންދުރު ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގައެވެ. ބާސެލޯނާގެ މެޑިކަލް ޑޮކްޓަރުން ހެދި ސްކޭނަށްފަހު އޭނާގެ ކަނާތު ފައިގެ ކުޑަކަޅުވާ އަށް އަނިޔާވެފައިވާ ކަމަށް އެންމެ ފަހުގެ މެޑިކަލް ރިޕޯޓްތަކުން ދައްކައެވެ.
ސިލެސަން ނެތްތަން އެ ޓީމުގައި ފޫބައްދައިދޭނީ ސްޕެއިނުގެ އުމުރުން 19 އަހަރުގެ ގޯލްކީޕަރު އިނާކީ ޕީނާ އެވެ.
ބާސެލޯނާގެ ކަޕް މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިލެސަން އަށް އަނިޔާވުމުން ކުރިއަށް އޮތް ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގައިވެސް އެ ޓީމުގެ ގޯލް ބަލަހައްޓާނެކަމަށް ބެލެވެނީ ޖަރުމަންގެ ކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން އެވެ.
ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީވެ އެ ޓީމު ދޫކޮށްލަން ބޭނުންވާކަމަށް މީގެކުރީން ސިލެސަން ބުނެފައިވީނަމަވެސް އޭނާގެ ފަރާތުން ކޮޕާ ޑެލް ރޭ ގެ މެޗުތަކުގައި ފެންނަމުންދާ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ. އެގޮތުން، ކޮޕާ ޑެލް ރޭ ގެ ކުއާޓާ ފައިނަލްގައި ބާސެލޯނާ އެންމެ ފަހުން ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު އޭނާ ވަނީ ޕެނަލްޓީއެއްވެސް މަތަކޮށްފައެވެ.
ބާސެލޯނާގައި ހޭދަކުރީ ދެ އަހަރުގެ ތެރޭގައި ކުޅުނު 28 މެޗުގެ ތެރެއިން 13 މެޗުގައި އޭނާ ވަނީ ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައިވެއެވެ. މި ސީޒަނުގައި އޭނާ އަށް ކުޅުމުގެ ފުރުޞަތުލިބިފައިވަނީ އެންމެ ހަތް މެޗުގައެވެ.