އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ޕާމާ އިން ތާވަލްގެ އެއްވަނައިގައި އޮތް ޔުވެންޓަސް ހިފެހެއްޓިއިރު، ދެވަނައިގައި އޮތް ނަޕޯލީ މޮޅުވެ އެ ޓީމާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުން 3-3 އިން ޕާމާ އާ އެއްވަރުވިއިރު ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އޮތީ 22 މެޗުން 60 ޕޮއިންޓާއެކު ޔުވެންޓަސް އެވެ. އޭގެ 9 ޕޮއިންޓް ފަހަތުން ދެވަނައިގައި ނަޕޯލީ އޮތްއިރު ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 21 މެޗުން 40 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓް ހަމަކޮށްގެން އޭސީ މިލާނެވެ.
މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ޔުވެންޓަސްގެ ޑިފެންސްލައިންގައި ހިމެނޭ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ނުކުޅެއެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި މާޓިން ކަސެރެސް އާއި ޑެނިއެލީ ރުގާނީ އަށް މި މެޗުގައި ފުރުޞަތުދީފައިވާއިރު އެ ޓީމުގެ ގޯލް ބެލެހެއްޓީ މަޓިއާ ޕެރިން އެވެ. މީގެއިތުރުން، އަނިޔާ އަށް ފަހު ކުޅުމަށް އެނބުރިއައި ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް ފުރަތަމަ އެގާރައިގައި ހިމަނާފައިވާއިރު ޕައޮލޯ ޑިބާލާ އިނީ ބެންޗުގައެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ޕާމާ އަށް ލީޑްނަގައިދިނުމަށް ޖުރަޖް ކުޝްކާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭގެފަހުން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، މެޗުގެ 17 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ޕާމާގެ ގޯލްކީޕަރު ލުއިޖީ ސެޕޭ މަތަކުރިއިރު އޭގެ ހަތަރު މިނެޓުފަހުން އެ ޓީމުގެ ކުޝްކާ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މި ފަހަރު އޭނާ ފޮނުވާލި ހަމަލާވެސް ޔުވެންޓަސްގެ ކީޕަރު ޕެރިން މަތަކުރިއެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑް ނަގައިދިނީ ރޮނާލްޑޯ އެވެ. މިއީ އެ ޓީމުގެ ބްލައިސް މަޓުއިޑީ ދިން ބޯޅައަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ގޯލެވެ. މި ލަނޑަށް ފަހު ވެސް ޔުވެންޓަސް އިން ދިޔައީ ޕާމާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން، ފުރަތަމަ ހާފު ނިމުމުގެކުރީން އެ ޓީމުގެ މަންޒުކިޗްގެ އިތުރުން ރޮނާލްޑޯ އަށް ވަނީ ލީޑް ފުޅާކުރުމަށް ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޕާމާގެ ކީޕަރު ސެޕޭ އެވެ. މި ހާފު ނިމުނީ 1-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ސާމީ ކެދީރާ އަށް ވަނީ ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، މެޗުގެ 57 ވަނަ މިނެޓުގައި ކެދީރާ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު އޭގެ ހަތަރު މިނެޓުފަހުން އޭނާ ފޮނުވާލި ހަމަލާ ޕާމާގެ ކީޕަރު ސެޕޭ މަތަކުރިއެވެ.
ނަމަވެސް، އޭގެ މިނެޓެއްފަހުން ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެ ޓީމުގެ ރޮނާލްޑޯ ނަގައިދިން ކޯނަރަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ޔުވެންޓަސް އަށް ދެލަނޑުގެ ލީޑް ހިފެހެއްޓުނީ ކުޑަ ވަގުތުކޮޅަކަށެވެ. ޕާމާގެ އެންޓޮނީނޯ ބަރިއްލާ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި މަންޒުކިޗް ނަގައިދިން ހުރަހަކުން ރޮނާލްޑޯ ބޮލުން ވައްދާލި ރީތި ގޯލާއެކު ޔުވެންޓަސް ވަނީ އަލުން ދެ ލަނޑުގެ ލީޑް ނަގާފައެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ ލީގުގައި 17 ގޯލް ހަމަކޮށް ލަނޑުލިސްޓުގެ އެންމެ ކުރިން
މި މެޗުގައި ޕާމާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު، 74 ވަނަ މިނެޓުގައި ޖަވީނިއޯ ޖަހައިދިންއިރު މެޗުގެ އިތުރުވަގުތުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ވެސް އޭނާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، ނަޕޯލީ ވަނީ 3-0 އިން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީގެ އާކަޑިއުޝް މިލިކް އާއި ލޮރެންޒޯ އިންސީނިއޭ ޖަހައިދިން ލަނޑުތަކުން އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުގައެވެ.
މި މެޗުގައި ނަޕޯލީ އިން ކާމިޔާބުކުރި ފަހު ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ސިމޯނޭ ވާޑީ އެވެ. މީގެއިތުރުން، މި މެޗުގައި ސަމްޕްޑޯރިއާ އަށް ކުޅުނު އިޓަލީގެ ފޯވާޑް ފަބިއޯ ކުއަގްލިއަރެއްލާ އަށް ވަނީ ލީގުގައި ވިދިވިދިގެން 12 މެޗުގައި ލަނޑުޖަހައިގެން ރެކޯޑްހެދުމަށް ލިބުނު ފުރުޞަތު ގެއްލިފައެވެ.