އަވަށްޓެރި ސްރީ ލަންކާގެ އެއާޕޯޓެއްގައި ޑްރޯން އެރުވި ދިވެހި ހަތަރު މީހަކު ލަންކާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އެއް އަންހެނެއް ކަމަށާއި މިއަދު އެ މައްސަލާގައި ހަތަރު މީހުން ވެސް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ވީޑިއޯ ކުރުމަށް ޑްރޯން އަރުވާފައިވަނީ ޑްރޯން އެރުވުމުން މަނާ ސަރަހައްދެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ފަސޭހައިން ޑްރޯން އެރުވުނަސް ލަންކާ ގާނޫނުގައި ރަޖިސްޓާ ނުކޮށް ޑްރޯން އެރުވުމަކީ މަނާ ކަމެކެވެ. 200 ގުރާމަށް ވުރެ ބަރު ޑްރޯނެއް ލަންކާގައި އެރުވޭނީ އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް ފަހުއެވެ.
ހަތަރު ދިވެހިން މިއަދު ކޯޓަށް ގެނައުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރާނެތޯ ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލާނީތޯ ކޯޓުން ނިންމާނެއެވެ. ފުލުހުން ބުނެފައިވަނީ ދިވެހިން ޑްރޯން އެރުވީ ހުއްދަ ނުނަގާ ކަމަށެވެ.