ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތާއީދު ކުރައްވައި 32 ކެންޑިޑޭޓުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވާދަކުރައްވާނެ ކަން އެމަނިކުފާނު އިއުލާން ކުރައްވައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ދުރުވެ ޕީޕީއެމް ޔާމީން ނެންގެވުމުން މައުމޫން އިސްކޮށް ހަރަކާތްތެރިވެ ހުންނެވި ސިޔާސީ ހަރަކާތަށް މައުމޫން ރިފޯމް މޫވްމަންޓުގެ ނަމުން ނަން ދިނުމަށް ފަހު ކުރިއަށް ގެންދެވި ނަމަވެސް މިހާރު އެމަނިކުފާނު ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި ޕާޓީއެއް ރަޖިސްޓާ ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.
ނަމަވެސް ޕާޓީ އަދި ރަޖިސްޓާ ވެފައިނުވާތީ ޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި މި 32 ކެންޑިޑޭޓުން މަޖިލީހަށް ކުރިމަތިނުލައްވާނެ އެވެ.
މައުމޫން ވަނީ އެމަނިކުފާނުގެ ތާއީދާއެކު ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިދިޔަ މަހު ހުޅުވާލާފައެވެ. 108 ފަރާތަކުން ނަން ހުށައެޅި ނަމަވެސް ކެންޑިޑެސީ ދީފައިވަނީ 32 ފަރާތަކަށެވެ.
އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ތަމްސީލް ކުރައްވާ ދާއިރާތައް މިރޭ އިއުލާން ކުރައްވާނެ ކަމަށް އެމްއާރްއެމުން ބުނެފައިވެއެވެ.
ނަމަވެސް ގަލޮޅު ދެކުނު ދާއިރާއަށް އާމިނަތު ނާދިރާ އަދި މައްޗަނގޮޅި އުތުރަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކޮށްފައެވެ. ހަނގު ދަރިކަލުން ޣައްސާން މައުމޫން ގުރައިދޫ ދާއިރާއަށް ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައި ކަން ފާހަގަކޮށްލެވެއެވެ.