Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އޭސީޕީ ހަމީދު، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ހަމީދު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭސީޕީ ހަމީދު ވިދާޅުވިގޮތުގައި އައްޑޫ ސިޓީ އަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެފައި ފުލުހުންގެ މަސައްކަތް ވަރަށް ފުޅާކޮށް އޮންނަންޖެހޭ ކަމަށާއި، ޚާއްސަކޮށް ރައްޔިތުންނާއި ފުލުހުންގެ ދެމެދު އޮންނަ އިތުބާރާއި ގުޅުން ރަނގަޅުކޮށް ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކަށޭނެ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

އަދި ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ތަރުތީބު ކުރެވިގެންދާ ގޮތަކަށް އެއްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ދާ ކަމަށާއި، މިއަހަރުގެ މާޗު މަހުގެ ތެރޭގައި ޕްލޭންގެ މަސައްކަތް ނިންމައި ލޯންޗް ކުރެވޭނެ ކަމެށްވެސް ހަމީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވީ، އައްޑޫގެ އާބާދީއަށް ޚިދުމަތް ދެވޭވަރަށް ފުލުހުންގެ އަދަދާއި ވަސީލަތްތައް ނެތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތާއި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އައްޑޫ ސިޓީ އަށް ތަޢާރަފް ކުރުން މުހިންމު ކަމުގައިވެސް މޭޔަރ ފާހަގަކުރެއްވި އެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި އައު ޕޮލިސް ޓްރެއިނިންގ ސްކޫލާ ގުޅޭގޮތުން މޭޔަރ ވަނީ ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އައްޑޫގެ ބިމުން ވަރަށް ބޮޑު ސަރަހައްދެއް ޓްރެއިނިންގ ސްކޫލަށް ނެގުމާއި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ އާންމު ރައްޔިތުން ފާޅުކުރައްވާ ކަމަށް މޭޔަރ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ހަމީދު ވިދާޅުވިގޮތުގައި މިހާރު އިމާރާތްކުރެވެމުންދާ ޓްރެއިންނިގ ސްކޫލަކީ ބޮޑު ސަރަހައްދަކަށްވެފައި ޖާގަ އޮތުމުން ހަމައެކަނި ޕޮލިސް ތަމްރީނުތަކަށް އެތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސްއާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއިނިޓީއަށް ތަމްރީނުތައް ހިންގޭނެ ތަނަކަށް އެތަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވާ ކަމަށެވެ. އަދި ޓާޝަރީ އެޑިއުކޭޝަނަށްވެސް އެތަން ބޭނުން ކުރެވޭނެ ކަމަށާއި، އިންޑިއާގެ ނުފޫޒު އޮތްކަމަށް ދެކެވޭ ވާހަކައަކީ ކުށް ހީއެެއްކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

މިއަބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ހަމީދާއެކު ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް މަޤާމުތަކުގެ ބައެއް އިތުރު ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.