ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ޕީއެސްޖީން ބަލިވެ، ލީގުގައި މެޗަކުން ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. މި މެޗުން ލިޔޯން މޮޅުވީ 2-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު އަދިވެސް ތާވަލްގެ އެއްވަނައިގައި އޮތީ ޕީއެސްޖީ އެވެ. އެ ޓީމަށް 21 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލިއްލޭ އަށް ލިބިފައިވަނީ 23 މެޗުން 46 ޕޮއިންޓެވެ. ރޭގެ މެޗުގައި ޕީއެސްޖީ އަތުން މޮޅުވި ލިޔޯން އޮތީ 43 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ސެއިންޓް އެޓިއެން އަށް ލިބިފައިވަނީ 22 މެޗުން 37 ޕޮއިންޓެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ބްރެޒިލްގެ ނޭމާ އާއި އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު މާކޯ ވެރާޓީ އާ ނުލައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންކޮށްފައިވާ ފޯމޭޝަނަކީ 2-4-4 އެވެ. އެގޮތުން، އެ ޓީމުގެ ފޯވާޑްލައިންގައި ހަރަކާތްތެރިވެފައިވަނީ ކިލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީ އެވެ.
ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ޕީއެސްޖީ އިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އެންހެލް ޑި މާރިއާ އެވެ. މިއީ ލިޔޯންގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖޫލިއަން ޑްރެކްސްލާ ދިން ބޯޅައަކުން ޑި މާރިއާ ކާމިޔާބުކުރި ގޯލެކެވެ.
މި ހާފުގައި ލިޔޯންގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ގޯލްކީޕަރު އަލްފޮންސޭ އަރެއޯލާ މަތަކޮށްފައިވާއިރު ލިޔޯން އިން އެއްވަރުކުރި ލަނޑުޖަހައިދިނީ މެޗުގެ 33 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭ އެވެ. މިއީ އެ ޓީމުގެ ލީ ޑުބޮއިސް ނަގައިދިން ހުރަހަކުން ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާތެރެއިން ޕީއެސްޖީގެ ކީޕަރު އަރެއޯލާ އަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ހުހަށްހުރި ޑެމްބެލޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ލިޔޯންގެ ޑެމްބެލޭ އަށް ޕީއެސްޖީގެ ތިއާގޯ ސިލްވާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ނަބީލް ފެކީރް ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ.
މެޗުގެ ފަހުވަގުތުކޮޅުގައި ޕީއެސްޖީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޯޕްސްގެ އިތުރުން ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި މި ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ބޯޑޯ އާ ދެކޮޅަށެވެ. އެ ޓީމަށް ދެން ކުރިއަށް އޮތީ ފްރެންޗް ކަޕްގެ ދެވަނަ ބުރުގައި ވިލެފްރާންޗޭ އާ ދެކޮޅަށް އަންނަ ބުދަ ދުވަހުގެރޭ ކުޅޭ މެޗެވެ.