ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާނެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އޭޕްރީލް މަހު ހުޅުވުމަށް ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި އެ ހޮސްޕިޓަލްގެ މަޝްރޫޢު ހަވާލުކުރީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާއެވެ. ދެ އަހަރުގެ ތެރޭގައި ނިންމުމަށް 2016 ވަނަ އަހަރު ހަވާލުކުރެވުނު މި މަޝްރޫޢުގެ މަސައްކަތް ލަސްވީ ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށް އެމަސައްކަތް ތާރީޚަށް ނުނިންމިގެންނެވެ.
އައިޖީއެމްއެޗުގެ ތަރުޖަމާން މުހައްމަދު މުފީދު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އޭޕްރީލް މަހު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާނީ ހަތަރު ފްލޯއަކުން ޚިދުމަތްދޭ ގޮތަށް ކަމަށާއި، ޚިދުމަތް ފަށަން ބޭނުންވާ ހުރިިހާ އިކުއިޕްމެންޓްތައް ވެސް މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖުލައި މަހު އެ ހޮސްޕިޓަލް ހުޅުވަން ނިންމީ ފުރަތަމަ ހަ ފްލޯއިން ޚިދުމަތް ދެވޭ ގޮތަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއެކު، އައިޖީއެމްއެޗްގެ އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓްގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލްގެ ދަށަށް ބަދަލުވާނެ އެވެ. ހަމަ އެއާއެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އާ އިމާރާތުގަ އެވެ. އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ވަނީ ހިނގާ މަގަކުން ގުޅުވާލާފަ އެވެ.
ދަރުމަވަންަ ހޮސްޕިޓަލް ހުޅުވުމާއެކު، ތޮއްޖެހިފައިވާ އައިޖީއެމްއެޗް އަށް ފަސޭހަވެ، ޚިދުމަތްތައް ހޯދުމުގައި މީހުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.