Last Updated: November 28, 20:56
Thursday, November 28, 2024
ޚަބަރު

މަޖިލިސް ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، 7 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

އެ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

އެ ޖަލްސާގެ އެޖެންޑާ މަޖިލީހުން މިއަދު އާންމުކޮށްފައިވާއިރު، އެ ޖަލްސާގައި ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ އަަހަރު ނިންމާލީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ކަނޑައަޅުއްވާފައެވެ. ރައީސް އެގޮތަށް ނިންމެވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ހުޅުވާ ދުވަސް ބަންދު ކޮށްފައެއް ނުވެއެވެ.