Last Updated: November 26, 11:52
Tuesday, November 26, 2024
ޚަބަރު

"ހިންދީ މީޑިއަމް 2"ގެ ލީޑްރޯލުން ކަރީނާ ފެނިދާނެބާ؟

ކަރީނާ ކަޕޫރު ޚާން

ސާކެތު ޗޯދުރީގެ ފިލްމް "ހިންދީ މީޑިއަމް"ގެ ކާމިޔާބާއެކު އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ތައްޔާރުވަމުންދާ އިރު ބަތަލް އިރުފާން ޚާން އާއެކު ލީޑް ރޯލު ކުޅުމަށް އެންމެ ފަހުން ވާހަކަ ދެކެވުނު ފަރާތަކީ ކަރީނާ ކަޕޫރު ޚާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފުރަތަމަ ފިލްމުގައި އިރުފާން ޚާންއާއެކު ލީޑް ރޯލުން ފެނިފައިވަނީ ސަބާ ޤަމަރުއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ފަހުން ފިލްމުގެ އަންހެން ލީޑް ރޯލަށް ހަމަޖެއްސުމަށް ހުށަހެޅިފައިވަނީ ކަރީނާއަށެވެ. އަދި އޭނާ މި ފުރުސަތު ގަބޫލު ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

2017 ވަނަ އަހަރު ނެރުނު މި ފިލްމުގެ ފުރަތަމަ އިންސްޓޯލްމެންޓްގައި ދީޕަކް ދޮބްރިޔާލް، ދިޝިތާ ސޭގަލް، އަދި އަމްރިތާ ސިންގް ތަފާތު ރޯލު ތަކުން ފެނިގެން ގޮސްފައިވެއެވެ.

ކަރީނާގެ މިހާރުގެ މަސައްކަތަށް ބަލާއިރު އޭނާ މިވަގުތު ދަނީ ކުރިޔަށް އޮތް ފިލްމް" ގުޑް ނިއުސް" ގެ ޝޫޓިންގގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. އެ ފިލްމުގައި އޭނާއާއެކު އަކްޝޭ ކުމާރު އަދި ދިލްޖީތު ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން ކަރީނާގެ މަސައްކަތުގެ ލިސްޓުގައި ކަރަން ޖޯހަރުގެ ފިލްމް" ތަޚްތު"ގެ ނަންވެސް ވަނީ ލިޔެވިފައެވެ.