Last Updated: November 24, 17:50
Sunday, November 24, 2024

(މެއި 30، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މީރާ މަޑު ހިނގުމެއްގައި އައިސް މުރާދުގެ މޭގައި ލައްވެލި އެވެ.

ސާރާ މަދުރާއީ އަށް އައިއްސުރެ އުޅެނީ އެހާ ވެސް ބުރަކޮށެވެ. ތަފާތު ހޮސްޕިޓަލްތަކުގައި އަތްފުނާ އެޅި އެވެ. އެންމެ ފަހުން ލޮލުގެ ޑޯނާއެއް ހޯދި އެވެ. އެހާމެ އަގު ބޮޑުކޮށެވެ. އޭނާ ބަލި ޤަބޫލް ނުކުރާ ކަހަލަ އެވެ. އެންމެ ފަހުން ހަމަ ކާމިޔާބު ވެސް އޭނާގެ އަތުގައި ހިފީ އެވެ.

ވިއާމާ ސާހިލް އަށް އާދޭސްކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ސާހިލް އިންޑިޔާ އަށް ދާކަށް ގަބޫލެއް ނުވި އެވެ. އެ ވަގުތަކީ އާދިލް އެ ގެއަށް ކަމަކު އައިސް ވަދެލި ވަގުތެވެ. ވިއާމާ އަށް އޮތީ ކުރިން ވެސް އާދިލް ފެނިފަ އެވެ. އަދި އެއީ މުރާދުގެ ގާތް ރައްޓެއްސެއްކަން ވެސް އެނގެ އެވެ.

"އަނހަ ވިއާމާ ކޮން ދަތުރެއްގަ އައިސް ތި އުޅެނީ؟" ކައިރިއަށް ހުއްޓިލަމުން އާދިލް ސުވާލު ކުރި އެވެ. ވިއާމާ އާދިލް ގޮވާއިގެން ބޭރަށް ނިކުތެވެ. އަދި ކުރު ގޮތަކަށް ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އަދި ސާހިލް އިންޑިޔާ އަށް ދިޔުމަށް ދެކޮޅު ހަދާ ވާހަކަ ވެސް ބުނެ ދިނެވެ.
އާދިލް ވިއާމާ އާ އެކު ސާހިލް ކައިރިއަށް ދިޔަ އެވެ. އަދި ސާހިލް އަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. އެ ހުރިހާ ވަގުތަކު އާދިލްގެ ނަޒަރު ހުއްޓިފައި ހުރީ ވިއާމާ ކުރަމުން ދިޔަ މަސައްކަތަށެވެ. ސާހިލްގެ ހެދުންތައް ތަރުތީބު ކުރުމާއި ގޭތެރޭގެ ތަފާތު ކަންތަކެވެ.
ވިއާމާ ވީ އާދިލް ވަރަށް ގަބޫލް ކުއްޖަކަށެވެ. ވީހާ ގިނަގިނައިން ވިއާމާ އާ ބައްދަލު ކުރުމަށް ހިތް އެދެން ފެށި އެވެ. މި އޮތް ހުރިހާ ދުވަހު މި ގެއަށް ވަދެނުލާ ހުރެވުނީތީ ދެރަވި އެވެ.

މުރާދު އާއި މީރާ އަދި ސާރާ އެ މީހުންގެ މަދުރާއީ ދަތުރު ފުރިހަމަ ކުރުމަށް މަށްފަހު ކެރަލާ އަށް އެނބުރި އަ އެވެ. ހުސްނާ އާއި ކަރީމް މި ހަތަރު ކުދިންނަށް އިސްތިގުބާލު ކުރި އެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ކާމިޔާބީގެ ކުލަވަރެވެ.

"މަންމާ…ބައްޕާ…އަޅުގަނޑު ވާހަކައެއް ނަންގަންނަން ބޭނުން." ސާރާ މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރެ ބައްޕައަށް ބަލާލަމުން ބުނެލި އެވެ.
ހުސްނާ ހައިރާންކަން އެކުލެވިފައިވާ ނަޒަރަކުން އެއް ފަހަރު މުރާދަށް އަނެއް ފަހަރު ކަރީމު އަށް ބަލާލިއެވެ. ސާރާ މަންމަމެންނާ އެކު ހިނގާފައި ގޭތެރެއަށް ވަނެވެ.

ގޭތެރޭގެ މާހައުލު ވަރަށް ހަމަ ހިމޭނެވެ. ސާރާ މަންމަމެނާ ކުރިމަތިވާ ގޮތަށް އިށީނދެ ހުރިހާ ވާހަކައެއް ވަރަށް ތަފްސީލުކޮށް ކިޔައި ދީފި އެވެ.
ސާރާގެ ކޮންމެ ވާހަކައެއް އަޑު އަހާފައި ހައިރާންވެ އަންތަރީސް ވެފައި ހުސްނާމެން ތިއްބެވެ. ސޫރަޖް އާ މެދު ކަންތައް ވީ ހުރިހާ ގޮތެއް މިއަދު އެ މީހުންނަށް އޮޅުން ފިލައިފި އެވެ. ހުސްނާ އޭނާގެ ދަރިފުޅުގެ ހިތްވަރުގަދަ ކަމަށްޓަކައި ތައުރީފް ކުރި އެވެ.
ސާރާ އެކަނި މާއެެކަނި އެ ކުރި މަސައްކަތަށް ތައުރީފު ކުރި އެވެ. ކޮންމެ މީހެއްގެ ލޮލުން ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ އެވެ. ހުސްނާ ސާރާ ގެނެސް މެޔާލާ ބޮނޑިކޮށްލި އެވެ. މީރާވެސް މިފަދަ މާތް އާއިލާ އަކާ ގުޅެވުނީތީ ﷲ އަށް ޝުކުރު ކުރި އެވެ.

ވިއާމާ ސޫރަޖް ގޮވައިގެން އެއަޕޯޓަށް އައެވެ. އެވަގުތު ދަބަސް ހިފައިގެން ފުރަން އާދިލް ވެސް އައިސް ހުއްޓެވެ.

"އަނހަ އާދިލް ވެސް ފުރާނީތަ؟" ވިއާމާ ހައިރާންކަމުން ފުރިގެންވާ ގޮތަކަށް އާދިލް އާ ދިމާއަށް ބަލާލަމުން އަހާލި އެވެ.

"ވިއާމާ…އަހަރެން ވެސް ކުޑަ ކަމެއް އޮތީމާ ދަނީ. އަނެއްކާ ހިތްހަމަ ނުޖެހުނީތަ؟" އާދިލް ވިއާމާގެ ކަންފަތް ދޮށަށް ގުދުވެލަމުން ބުނެލި އެވެ.
ވިއާމާ ލަދުވެތި އަދާއަކާ އެކު ހީލިއެވެ. އާދިލްގެ ކުޑަހަ ރަކާތަކުން މިއަދު ވިއާމާގެ ހިތް ތެޅިލީ ސިއްރުވެރި ގޮތަކަށެވެ. ހުދު ވިއާމާއަކަށް ވެސް އެ ސިއްރެއް ނޭގުނެވެ.
އެހެނަސް އެއީ އަރާމެއްކަން އެއީ ޖަޒުބާތެއް އުފެދިފައިވާ ތެޅިލުމެއްކަން އަދި ސާދާ ފެށުމެއްކަން ވިއާމާ އަށް އިހްސާސް ވި އެވެ. އާދިލް ވިއާމާ އާ ދިމާއަށް އަތް ދިއްކޮށްލި އެވެ. އިހްތިޔާރަކާ ނުލައި ވިއާމާ އެއަ ތުގައި ވިއާމާގެ މަޑު އަތްތިލަ ބާއްވާލި އެވެ.

"ހާދަ ފިނިވެފަ…ބިރުންތަ ތިހިރީ؟" އާދިލް ނުހަނު ލޯތްބާ އެކު ވިއާމާ ކުރެން އަހާލި އެވެ. ވިއާމާ ލަދުވެތިކަމާ އެކު ބޯ ހޫރާލި އެވެ.

"މި އަތުގަ ތި ގޮތަށް އަބަދުވެސް ހިފަހައްޓާލަ ދޭނަންތަ؟" ހިތާހިތާ ވިއާމާ ކިޔާލި އެވެ. ނަމަވެސް އަޑެއް ނުނިކުތެވެ.
އާދިލް ވިއާމާ ކައިރިއަށް ގުދުވެލާފައި ގޮވާލިއެވެެ.

"ލައްބަ." ވިއާމާ ވެސް ބުނެލި އެވެ. ވިއާމާ މަޑުމަޑުން އާދިލްގެ އަތުން ދޫކޮށްލި އެވެ. ހުރިހާ ފަސިންޖަރުން އެތެރެއަށް ވަންނަން އެންގުމުންނެވެ. އެހާ އިރަށް ސޫރަޖް ވެސް އިން ތަނުން ތެދުވެގެން އެ މީހުން ކައިރިއަށް އަތުވެއްޖެ އެވެ. ވިއާމާގެ ހިނިތުން ވެފައިވާ މަންޒަރުން ވިއާމާ އޭނާ އާ ގަބޫލްކަން އާދިލް އަށް އެނގުނެވެ.

އާދިލް ސޫރަޖްގެ އަތުގައި ހިފި އެވެ. އަދި މަޑުމަޑުން ޗެކިން ކައުންޓަރާ ދިމާއަށް ދިޔަ އެވެ. އަދި ތުމުން ރާގެއް ފުމެމުން ދިޔަ އެވެ. ދަތުރުގެ ހުރިހާ ކަމެއް އާދިލް ހަމަޖެއްސި އެވެ. ވިއާމާ އާއި ސޫރަޖް މަޑުކޮށްގެން ތިބީ އެވެ.
އެވަގުތު ސޫރަޖް ވާހަކަ ދައްކަން ފެށި އެވެ.

"ވިއާމާ. އަހަރެން އެނބުރި ދާހިތް ވަނީ. އަހަރެން ހިތްހަމަނުޖެހޭ ގޮތެއް އެބަވޭ."

(ނުނިމޭ)