Last Updated: November 28, 17:45
Thursday, November 28, 2024
ދުނިޔެ

ހަވާއީގައި ސިނގިރެޓު ބުއިން ހުއްދަ އުމުރަކަށް 100 ހަދަނީ

ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނީ ގޮތުން ހުއްދަވާ އުމުރަކަށް 100 އަހަރު ހަދަން ބިލެއް ހުށަހަޅައިފި އެވެ. މި ބިލް ފާސްވެއްޖެނަމަ، ހަވާއީގެ އާބާދީގެ ބޮޑު ބަޔަކަށް ސިނގިރެޓު ބުއިން މަނާވެގެންދާނެ އެވެ.

ހަވާއީގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ރިޗާޑް ކްރީގަން ހުށަހެޅި އެ ބިލުގައިވާ ގޮތުން 2020 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ސިނގިރެޓު ބުއިން ހުއްދަވާ އުމުރު ވަރަށް ބޮޑަށް މަތިވެގެންދާނެ އެވެ.

މި ބިލު ފާސްވާނީ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބުމުންނެވެ. އަދި މި ބިލާ ދެކޮޅާށް ދުންފަތް އުފައްދާ ކުންފުނިތަކުން ޤާނޫނީ މައްސަލަތައް ހުށަހެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެންނަމަވެސް މި ބިލުގައި އީ-ސިނގިރެޓާއި، ޗޫވިންގ ޓޮބޭކޯ (ދުފާ ދުންފަތް) އަދި ސިގާ ނުހިމެނެއެވެ.

ޑރ. ކްރީގަން އަކީ 2014 ވަނަ އަހަރު ހަވާއީގެ ސްޓޭޓް ރިޕްރެޒެންޓޭޓިވް އަށް ހޮވުމުގެ ކުރިން އިމާޖެންސީ ރޫމްގައި ފިޒީޝަނެއްގެ ވަޒީފާ އަދާކުރަމުން ގެންދެވި މީހެކެވެ. ކްރީގަން ބުނާގޮތުން ސިނގިރޭޓަކީ އިންސާނީ ތާރީޚުގައި ވެސް އުފެއްދި އެންމެ ނުރައްކާތެރި އުފެއްދުން ކަމަށެވެ.

ހަވާއީ އަކީ ދުންފަތުގެ އިސްތިއުމާލު ކުރެވޭ ޤާނޫނީ އުމުރަކީ 21 ކަމުގައި ކަނޑައެޅި އެމެރިކާގެ ފުރަތަމަ ސްޓޭޓެވެ. އެގޮތަށް ހަވާއީގެ ޤާނޫނު ބަދަލުކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އާންމު ގޮތެއްގައި އެމެރިކާގެ ސްޓޭޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އެންމެ ހަނގު އުމުރަކީ 18 ނުވަތަ 19 އަހަރެވެ.

އާ ބިލުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަވާ އުމުރަކަށް 2020 އާއި ހަމައަށް 30 އަހަރު ހަދަންޖެހޭނެ ކަމަށެވެ. އަދި 2021 ގައި އެ އުމުރު 40 އަށް، 2022 ގައި 60 އަހަރަށް އަދި އެންމެ ފަހުން 2024 ގައި ސިނގިރެޓު ގަތުމަށްޓަކައި ކޮންމެ މީހަކަށް 100 އަހަރު ފުރެން ޖެހޭނެ ކަމަށް އެ ބިލުގައި އިޝާރާތްކޮށްފައި ވެއެވެ.

މި ބިލުގައި ސިގާ އަދި އީ-ސިނގިރެޓު ހިމަނާފައި ނުވަނީ ޑރ. ކްރީގަން ޤަބޫލުކުރާ ގޮތުގައި އެއީ އާދައިގެ ސިނގިރެޓަށްވުރެ ރައްކާތެރި ބާވަތްތަކަށްވާތީ ކަމަށެވެ. އެހެންނަމަވެސް ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް އިން ވަނީ ދުންފަތުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ނުރައްކާތެރި އަދި ކެންސަރަށް މަގުފަހިކުރުވާ ބާވަތްތައްކަމުގެ އިންޒާރު ދީފައެވެ.

ކޮންމެ އަހަރަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ މައްސަލަތަކުގެ ސަބަބުން އެމެރިކާގައި ގާތްގަނޑަކަށް ބައި މިލިއަން މީހުން މަރުވެއެވެ.