ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑްގެ ކުރިމަގާ މެދު ގޮތެއް ނިންމައިފައިވާކަމަށް އޭނާ ބުނެފިއެވެ.
ހަޒާޑު މިހެން ބުނެފައިވާއިރު ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ އޭނާ ގެންދިއުމަށް އެކި ފަހަރުމަތީން ޝައުގުވެރިކަން ފާޅުކޮށްފައެވެ، މީގެއިތުރުން، ހަޒާޑު ވަނީ ރެއާލަށް ކުޅެން ބޭނުންވާކަމަށް މީގެކުރީން ބުނެފައެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހަޒާޑު ގެންދިއުމަށްޓަކައި ރެއާލުން 112 މިލިއަން ޔޫރޯގެ އަގެއް ޗެލްސީ އަށް ހުށަހަޅާނެކަމަށް ބެލެވެއެވެ.
"އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނިންމައިފިން. އަހަރެންނަށް އެނގޭ ދެން ކަންކުރަންވީގޮތް." ރޭޑިއޯ މޮންޓެ ކާލޯ އަށް ދިން އިންޓަވިއުގައި ހަޒާޑު ބުންޏެވެ.
ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ހަޒާޑުގެ ފަރާތުން ފެނުނު ކުޅުމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ތައުރީފުކޮށްފައިވާއިރު އޭގެކުރީން ޗެލްސީ ކުޅުނު މެޗުތަކުން ބަލިވުމުން ސާރީ ވަނީ ހަޒާޑުގެ އިތުރުން އެ ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ފާޑުކިޔާފައެވެ. މީގެއިތުރުން، ސާރީ ވަނީ ހަޒާޑުގެ ކުރިމަގާ މެދު ވީ އެންމެ އަވަހަށް ގޮތެއް ނިންމުމަށް އެ ކްލަބަށް ވެސް ގޮވާލާފައެވެ.
"އޭނާގެ އުމުރުން މިހާރު 28 އަހަރު، މި ކްލަބު ދޫކޮށްލަން އޭނާ ބޭނުންވާނަމަ މިއީ އެކަމަށް ރަނގަޅު ވަގުތު." ސާރީ ބުންޏެވެ.
"އޭނާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް، އެއީ މި ކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއް."
"އޭނާ އަކީ އެންމެ ދެ މިނެޓުން ވެސް މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ކުޅުންތެރިއެއް. އެއަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އޭނާ ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައި."
"އެހެން ނަމަވެސް، އޭނާ އަކީ އަދި ލީޑަރެއް ނޫން." ސާރީ ބުންޏެވެ.
2012 ވަނަ އަހަރު ފްރާންސްގެ ލިއްލޭ އިން 35 މިލިއަން ޔޫރޯގެ ފީ އަކަށް ޗެލްސީ އާ ގުޅުނު ހަޒާޑު ވަނީ އެޓީމާއެކު ޕްރިމިއާ ލީގުގެ ތަށި ދެ ފަހަރު ހޯދުމުގެ އިތުރުން ޔުއެފާ ޔުރޮޕާ ލީގާއި އިނގިރޭސި އެފްއޭކަޕް ވެސް އެއްފަހަރު ކާމިޔާބުކޮށްފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ހަޒާޑު ވަނީ މި ސީޒަނުގައި ޗެލްސީ އަށް ކުޅެދިން 31 މެޗުގައި 15 ގޯލް ކާމިޔާބުކޮށް އިތުރު 10 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
ޗެލްސީ އާއެކު ހަޒާޑު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.