އިންޑިއާގެ އެންމެ މުއްސަނދިމީހާގެ ލަގަބު ލިބިފައިވާ މުކޭޝް އަމްބާނީގެ ދަރިފުޅު އީޝާ އަމްބާނީގެ ކައިވެނީގެ ކުލަގަދަ ހަފްލާތަކަށް ފަހު އޭނާގެ ފިރިހެން ދަރިފުޅު އާކާޝް އަމްބާނީގެ ކައިވެންޏަށް ދަނީ ތައްޔާރުވަމުންނެވެ.
އާކާޝް އަމްބާނީ އަދި ޝްލޯކާ މެހްތާގެ އެންގޭޖްމަންޓް މިދިޔަ އަހަރުގެ ޖޫންމަހު ވަނީ ބާއްވާފައެވެ. އަދި ކައިވެނީގެ ތާރީޚް ވަނީ މި އަހަރުގެ މާޗް 9 ވަނަ ދުވަހަށް ހަމަޖައްސާފައެވެ.
އާކާޝް އަދި ޝްލޯކާވަނީ ސްކޫލް ދުވަސްވަރުން ފެށިގެން އެކަކު އަނެކަކަށް ހިތް ކިޔާފައެވެ. މަތީ ސާނަވީ ނިމުމަށްފަހު އިތުރަށް ކިޔެވުމަށް ފެށިއިރުވެސް ދެމީހުން ވަނީ އަބަދުވެސް ގުޅުން ގާއިމް ކޮށްފައެވެ. އެ ގޮތުން އާކާޝް މިދިޔަ އަހަރު މާޗްމަހު ވަނީ ޝްލޯކާ ގާތުން ކައިވެންޏަށް އެދިފައެވެ.
އަމްބާނީގެ ދަރިފުޅުގެ ކައިވެންޏަށް މުޅި އާއިލާ ދަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްވިޒަލޭންޑްގެ ސެއިންޓް މޮރިޒްގައި މި ހިނގާ ފެބްރުއަރީމަހުގެ 23 ން 25ށް ބޮޑު ބެޗެލަރ ޕާޓީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ހަފްލާއަށް 500 އާއި ގާތްކުރާ އަދަދަކަށް މެހެމާނުން ދާނެ ކަމަށް ބެލެވެއެވެ. މެހެމާނުންގެ ތެރޭގައި އެކުވެރިންނާއި ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުން އާއިލީ މެމްބަރުން ބައިވެރިވާނެއެވެ. އެ ޕާޓީގައި ކަރަން ޖޯހަރު އަދި ރަންބީރް ކަޕޫރު ވެސް ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މެހްމާނުން ސްވިޒަލޭންޑަށް ގެންދިޔުމަށް 2 ފްލައިޓްވެސް ވަނީ ޗާޓަރ ކޮށްފައެވެ.
އާކާޝް އަދި ޝްލޯކާގެ ކައިވެނީ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ބަންދްރާ ކުރްލާ ކޮމްޕްލެކްސްގެ ޖިއޯ ވޯލްޑް ސެންޓަރ ގައި 9 މާޗް 2019 އެވެ.