ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާގެ މައްޗަށް ގާނޫނު އަސާސީން ލާޒިމު ކުރާ ރިޔާސީ ބަޔާން މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވަވައިފިއެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން، ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާއި ފައްޓަވާދެއްވާފައިވާ ޚިދުމަތްތަކަށް އަލިއަޅުވާލެއްވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ބައެއް މުހިންމު ނުކުތާތައް:-
ރައީސުލް ޖުމުހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ސަރުކާރު އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށް ވެފައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަކީ ކޮރަޕްޝަނަށް ޖާގަ ދޭނެ ސަރުކާރެއް ނޫން ކަމަށާއި މިސަރުކާރުގައި ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދައިގެ މޫތައް ރާއްޖެއަށް ފެތުރިގެން ދިޔައީ ޚިޔާނާތުގެ ކުރިމަތީގައި މުއައްސަަސާތައް ކުޑަކަކޫ ޖެހުމުން ކަމަށާއި އެކަމާ ދެކޮޅު ހަދާނެ މީހަކު ނުވުމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިސަރުކާރުގައި އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ތަކުރާރު ކުރެއްވިއެވެ. ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މި ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން މި ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން.
ޑިމޮކްރެޓިކް ނިޒާމެއް މިގައުމުގައި ގާއިމް ކުރެވިފައި އޮތް ހިނދު، ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރެވިފައި އޮތް ހިނދު، ހުރިހާ ބާރެއް ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން (ކައުންސިލްތަކުން) އަތުން ނަގައި، އެ ނިޒާމުގެ ލަގަން މައި ސަރުކާރުގެ މުށުތެރެއަށް އޮތީ ލާފައި ކަމަށާއި އެކަން ނިމުމަކަށް ގެނައުމަށް ކައުންސިލްތަކަށް ލިބެން ޖެހޭ ހައްގު ބާރުތައް އަނބުރާ ދެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި، ކައުންސިލްތަކުގެ ވަރަށް ގިނަ ބާރުތައް، މިހާރު ވާނީ ކައުންސިލްތަކަށް ދީފައި. ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް ލިބޭއިރު، މާލީ ބާރުވެރިކަމާއި މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީ ކުރެވިގެންދާނެ. ހަމައެއާއެކު، ރަށު ތަރައްޤީގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
އަންހެނުންނަށް ލިބެން ޖެހޭ ހައްގުތައް މިސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެފައިވާއިރު އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް، އަދި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަންހެންކުދީން ބޮޑެތިކުރަން ބޭނުންވަނީ، ހަމަހަމަ ފުރުޞަތު ފަހިވެފައިވާ މާޙައުލެއްގައި. އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިވެރިވުމާއި، މާލީގޮތުން ބާރުވެރިކުރުވުމާއި، އިންސާފު ލިބިދިނުމުގައިވެސް، އަންހެނުންނަށްވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނަން."
ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ބޭރު ދުނިޔެއާ ދިވެހިރާއްޖެ ވަރަށް ބޮޑަށް އެކަހެރި ވެފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ބަދަލުކުރުމަށް، ގުޅުން ކަނޑާލާފައި އޮތް ކޮމަންވެލްތާއި ފުރަތަމަ ކަމަކަށް ވެސް ގުޅުން އިއާދަ ކުރެވުނު ކަމަށާއި ހީނަރުވެފައިވާ ގުޅުންތައް ބަދަހި ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެމެރިކާގެ ވޮޝިންޓަނާއި ރަޝިޔާގައި ދިވެހި އެމްބަސީ ގާއިމްކޮށް، ސައުދީގައި ދިވެހި ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް އެމަނިކުފާނި ވިދާޅުވިއެވެ.
އިގްތިސޯދު ހަރުދަނާ ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މިއަހަރު ނިމޭއިރު އެ އަދަދު 803.4 މިލިއަން މަތި ކުރެވޭނެ ކަމަށް ރައީސް ލަފާ ކުރައްވައެވެ.
"މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒަރވެއް. މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒަރވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު."
ސަރުކާރުން ލަފާ ކުރާ ގޮތުގައި މިއަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 23.2 ބިލިއަން ރުފިޔާ ލިބޭނެއެވެ. މިދިޔަ އަހަރު ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ޖުމުލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ބަޖެޓު ވަނީ 3.8 ބިލިއަން ރުފިޔާ އިން ޑެފެސިޓް ވެފައެވެ.
ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމޭއިރު ދިވެހިރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާއަށް ހެދުމަކީ އަމާޒެއް ކަމަށެވެ. މަނިޓަރީ ޕޮލިސީ ހަރުދަނާ ކުރުމަށް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކޮށް 2.5 މިލިއަން ފަތުރުވެރިން ކޮންމެ އަހަރު ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށާއި މިއަހަރު އެންމެ މަދުވެގެން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލެއް އެޅުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައީސް އަލި އަޅުވާލެއްވިއެވެ. ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ޓެކުހަކީ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުމެއް ގޮތުގައި އޮތް އޮތުން ބަދަލު ކުރައްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ.