Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

"ފުލުހުން ބަޔާން ނެރުނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކަމަށް، އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ކަމަށެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ޔާމީން އަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ އެ ބަޔާނާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ނެރުނު ބަޔާނެއްގައި އެމަނިކުފާނުގެ ވަކީލުން ބުނެފައި ވަނީ ފުލުހުންގެ ބަޔާނުގައި ބުނެފައިވާ މައްސަލައަކީ މަޖިލިސް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހިންގަމުންގެންދާ ޢަމަލުތަކެއް ކަމަށެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް ނުވަތަ ދައުލަތުގެ ފައިސާއެއްކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުންވެސް މިހާތަނަށް ނިންމުމެއް ނިންމަވާފައި ނުވާކަމަށާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ޚިޔާނާތުގެ ފައިސާ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެ ފައިސާ ހަވާލުކުރުމުގެ ބަދަލުގައި އޭސީސީ ހިމެނޭ ގޮތައް އެސްކުރޫ އެކައުންޓަކަށް ފައިސާ ޖަމާކުރެއްވީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްފައިވާ ފައިސާ އަކީ ދައުލަތަށް ޚިޔާނާތްތެރިވި ފަރާތަކުން އެކުންފުންޏަސް ޖަމާކޮށްދީފައިވާ ފައިސާކަންވެސް އޭސީސީއަށް މިހާތަނަށް ބުނެދެވިފައި ނުވާ ކަމަށެވެ.