ފީއަލީގައި ގިނަ އަދަދެއްގެ މީހުން ޑެންގީއަށް ޕޮޒިޓިވްވެގެން އެޑްމިޑް ކުރަންޖެހި ހޮސްޕިޓަލްގައި ޖާގަ ނެތުމުގެ ސަބަބުން ބައެއް ފަރާތްތައް މާލެ ގެންދަން ފަށައިފިއެވެ.
މިކަން ޗީފް އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވަނީ ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްގައި ކުދިންތައް މާލެގެންދަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
Several children, diagnosed with dengue fever, are being evacuated in the Coast Guard Sea Ambulance Vessel from F. Feeali.
The operation is undertaken by the MNDF Central Area Command. pic.twitter.com/A2MprAC1ty
— Maj. Gen. Abdulla Shamaal (@CDFofMNDF) February 8, 2019
މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން ކަމަށް ވެސް ޝަމާލް ވަނީ ވިދާޅުވެފައެވެ.
ފީއަލީގައި ދުވާލަކު ގާތްގަނޑަކަށް 30 މީހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކާ ކަމަށް އެ ރަށު ހެލްތް ސެންޓަރުން ބުނެ އެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެކަނި ވެސް 10 ކުއްޖަކު ޑެންގޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތު ދެއެވެ/
ފީއަލީގެ ހާލަތު ގޯސްވުމުން މިއަދު ހެނދުނު އެ އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފަ އެވެ. އަދި އެ ޓީމުން އަންނަނީ އެ ރަށުގެ ހެލްތް ސެންޓަރާ ގުޅިގެން ބަލިމީހުންނަށް ފަރުވާދޭން ފަށައިފަ އެވެ.
ޑެންގޫގެ އިތުރުން ބޭރަން ހިންގުން ފަދަ ބަލިތައް ވެސް އެ ރަށުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އަދި ބައެއް ބޭސްތައް ވެސް އެ ރަށުން ހުސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައި ވެއެވެ.
މިބަލިމަޑުކަމުން ސަލާމަތްވުމަށްޓަކާ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެރަށުގައި ދަނީ މަސައްކަތް ކުރަމުންނެވެ.