Last Updated: November 28, 17:45
Thursday, November 28, 2024
މުނިފޫހިފިލުވުން

ޖެނިފަރ ލޯރެންސް އާއި ކުކް މެރޯނީ އެންގޭޖްވެއްޖެ

ޖެނިފަރ ލޯރެންސް އާއި ކުކް މެރޯނީ - ފޮޓޯ: ޕޮޕް ޝުގާ

ހަންގަރ ގޭމްސް ފިލްމް ސީރީސްގައި ކެޓްނިސް އެވަރޑީންގެ ރޯލުން މަޝްހޫރުވެގެންދިޔަ އެމެރިކާގެ އެކްޓްރެސް ޖެނިފަރ ލޯރެންސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލޯރެންސްގެ ރިޕްރެޒެންޓޭޓިވްއެއް "ސީއެންއެން" އަށް ބުނި ގޮތުގައި އޭނާ ވަނީ ލޯބިވެރިޔާ ކުކް މެރޯނީ އާއި އެންގޭޖްވެފައެވެ.

ލޯރެންސް އާއި މެރޯނީގެ އެންގޭޖްމެންޓްގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ 'ޕޭޖް ސިކްސް' އިންނެވެ. އެ ނޫހުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ހަފްތާގެ ކުރީކޮޅު ލޯރެންސް އާއި މެރޯނީ ވަނީ ނިއު ޔޯކްގައި އެކުގައި ރޭގަނޑު ކެއުމަކަށް ގޮސްފައެވެ. އަދި އެ ރޭ ލޯރެންސްގެ އިނގިލީގައި "ބޮޑު އަނގޮޓިއެއް" އޮތް ކަމަށްވެސް ރިޕޯޓް ބުނެއެވެ.

އުމުރުން 28 އަހަރުގެ ލޯރެންސް، އުމުރުން 33 އަހަރުގެ މެރޯނީ އާއި ރައްޓެހިވީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މެރޯނީ އަކީ މެންހެޓަންގެ އާޓް ގެލަރީއެއް ކަމުގައިވާ "ގްލޭޑްސްޓޯން 64"ގެ ޑައިރެކްޓަރެވެ.