ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމާއި މަޖިލިސް ރައީސް ގާސިމް އިބްރާހިމް ޖުމުހޫރީ ޕާޓީން ކޯލިޝަން ހެދުމަށް މަޝްވަރާ ފަށާފައިވާ ކަމަށް ފެތުރޭ ޚަބަރުތައް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ދޮގުކުރައްވައިފިއެވެ.
ބައެއް މީޑިޔާތަކުގައި މިފަދަ ޚަބަރު ދައުރުވަމުންދާތީ މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަލީ ވިދާޅުވީ އެފަދަ ވާހަކަތަކަކީ 'ކަނޑައެޅިގެން ދޮގެއް' ކަމަށެވެ. އަދި އެފަދަ ޚަބަރު ފަތުރަމުން ދަނީ ޖޭޕީގެ ބަހެއް ހޯދުމެއް ނެތި ކަމަށާއި އެއީ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖޭޕީއާ ދެމެދު ކޯޅުން ބޮޑުވެފައިވަނީ މަޖިލިސް އިންތިޚާބަށް އެމްޑީޕީން ވަކިން ނިކުތުމާ ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އެކަން ސިފަ ކުރެއްވީ އެމްޑީޕީން ވެރިކަމަށް އާދެވުމުން 'އަނެއްކާވެސް ޖޭޕީ މަގުމަތިކޮށްލުން' ކަމުގައެވެ. ގާސިމް ވިދާޅުވީ ޖޭޕީން އޮތީ އެމްޑީޕީން އެހެން ހެދުމުން އަނެއްކާވެސް ކޯލިޝަން ހަދައިގެން މަޖިލިސް އިންތިޚާބަށް ނިކުތުމަށް ތައްޔާރަށް ކަމަށެވެ.
އަދި އެމަނިކުފާނުގެ އެއްވެސް ދުޝްމަނެއް ނުހުންނާނެ ކަމަށާއި ޖޭޕީން އަބަދުވެސް އޮންނާނީ މަޝްވަރާއަށް ތައްޔާރަށް ކަމަށް ވިދާޅުވެ ނުސީދާ ގޮތުން ޔާމީނާއެކު މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.