އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވާއިރު އަދިވެސް ކުރީގެ ނައިބު ރައީސް އަދީބު ޖަލުގައި ބަންދުކޮށްފައި ހުރުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނަޝްވާ ޓުވިޓާގައި ބުނެފައިވަނީ އަދީބު އެކަނި ޖަލުގައި ބާއްވާ، އޭނާގެ ބޭސްފަރުވާއަށް ހުރަސް އެޅުމަކީ އިންސާފެއް ނޫން ކަމަށެވެ. ޒިޔަތާއި އަދީބަކީ ބޭއިންސާފުން ކުރެވުނު ހުކުމެއްގެ ދަށުން ޖަލަށް ލެވިފައި ތިބި ދެމީހުން ކަމަށާއި ދެމީހުނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ ކަމަށް ނަޝްވާ ބުނެފައިވެއެވެ.
އަދީބު ގެއަށް ބަދަލުކުރުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށައެޅުމުން އެކޯޓުން ވަނީ މައްސަލައިގެ ގޮތެއް ނިމެންދެން އަދީބު ގޭގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއަމުރު ތަންފީޒު ކުރުން ފަސްކުރުމަށް އަމުރެއް ނެރެފައެވެ.