ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހދ. ކުމުންދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކުމުންދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތުގެ އިތުރުން ރަށުގެ ކުރިއެރުމަށް ހުރި ދަތިތައް ރައީސް އާއި ހިއްސާކުރައްވާފައި ވެއެވެ.
އެގޮތުން ރަށުގެ ކައުންސިލް އިދާރާއަށް ބޭނުންނާ ވަޞީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ފެނާ ނަރުދަމާގެ ޚިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ރައީސް އާއި ޙިއްޞާ ކުރެއްވެވިއެވެ.
މީގެ އިތުރުން ކުމުންދޫ ކައުންސިލް މެންބަރުން ވަނީ މިހާރުގެ ބަނދަރުގައި ދިމާވާ މައްސަލަތައް ފާހަގަކުރައްވައި، އެ ބަނދަރުގެ ސާވޭއެއް ހެދުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
އަދި ކުމުންދޫ އަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށާއި، ނެރުބައްތިއެއް ހޯދައިދިނުމަށް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ހަމަ އެހެންމެ ކުމުންދޫ ސުކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވާކަމަށާއި، ހެލްތް ސެންޓަރުގައި ލެބޯޓަރީ އެއް ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވައި، އެބޭފުޅުން ވަނީ ޞިއްޙީ މަރުކަޒުން މިހާރު ޚިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކޮށްދެއްވުމަށާއި، ހަނިމާދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް ވެސް އެ ބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލައްވަނީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަހައި އެކަންކަން ކައިރި މުސްތަޤްބަލެއްގައި ފަހިކޮށްދެއްވުމަށްކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކުމުންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.