(މެއި 31، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ވިއާމާ އަހަރެން އެނބުރި ދާހިތް ވަނީ. އަހަރެން ހިތްހަމަނުޖެހޭ ގޮތެއް އެބަވޭ." ސާހިލް އިށީދެގެން އިން ފަރާތް ނޫން ފަރާތަކަށް އެނބުރިލަމުން ބުނެލި އެވެ.
"ސާހިލް. ވިޝާމްމެން ބޭނުން ވަނީ ސާހިލްގެ ލޯ ރަނގަޅު ވާން. .ހުރިހާ ޑޮކްޓަރުން ވެސް ބުނި ގޮތުން ލޮލެއް ލިބުމާ އެކު ތިޔަ ލޮލުގެ އަލިކަން ލިބޭނެ. ފަހަރުގަ ތިޔަ ލޮލުގެ އަލިކަން އެހެން މީހަކަށް ހިތްހަމަޖެހުމަކަށް ވެސް ވެދާނެެ." ވިއާމާ މިހެން ބުނާ އިރަށް ސާހިލް އަތް މައްޗަށް ނަގާފައި ވިއާމާ ހުއްޓުވައިފި އެވެ.
"ވިއާމާ އަހަރެންގެ ލޯ އަނދިރިއެއް ނޫން. އަހަރެންގެ ލޮލުން ހުރިހާ ތަނެއް ފެނޭ." ސާހިލްގެ މި ޖުމްލަ އިން ވިއާމާ ސިއްރުވެރި ގޮތަކަށް ހިނިތުންވެލި އެވެ. ސާހިލް އެ ބުނީ ތެދެކެވެ. އޭނާގެ ލޮލުން ހުރިހާ ތަނެއް ފެނެ އެވެ. އެހެނަސް އެއީ ސިއްރެކެވެ.
އާދިލް ހުރިހާ ކަމެއް ނިންމާލާފައި އައިސް ވިއާމާމެން ކައިރީ އިށީނެވެ. ސާހިލް ވެސް ދެން އިތުރު ވާހަކައެއް ނުބުނެ ހިމޭނުން އިނެވެ.
ފްލައިޓްގައި ވެސް ވިއާމާ އާއި އާދިލް ތިބީ ޖެހިޖެހިގެން އިން ގޮނޑީގައެވެ. އަތާ އަތް ގުޅާލައިގެންނެވެ. ސާހިލް ވަރަށް ހިމޭނުން އިނެވެ.އޭނާގެ ހިތުގައި ތަފާތު ހައިޖާނުތައް އުފެދެމުން ދިޔަ އެވެ. ސާރާގެ ހުރިހާ ހަނދާންތަކެއް އޭނާ އަށް އުނދަގޫވަމުން ދިޔަ އެވެ. އެންމެ ފަހުން އޭނާ މޫނުގައި އަތް އެޅުމަށް ފަހު ގޮނޑީގައި ލެނގިލި އެވެ.
"ކިހިނެއްވި އަނެއްކާ؟" ވިއާމާ ވަގުތުން ސުވާލު ކުރި އެވެ.
"ކުޑަކޮށް ބޮލުގައި ރިއްސާލާ ކަހަލަ ގޮތެއްވީ." ސާހިލް ހިމޭން އަޑަކުން އެހެން ބުނެލި އެވެ.
އިންޑިޔާގެ ވައިގެ ބަނދަރުގައި ފްލައިޓް ޖެއްސި ކަމުގެ އިއުލާން ކުރި އެވެ. ވިއާމާ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ފޯން އޮން ކުރި އެވެ. ސާރާގެ އެއްވެސް މެސެޖެއް އޮތްތޯ ޗެކްކޮށްލާށެވެ. އަދި ލިބުނު މެސެޖްތަކުން ހިނިތުންވެލި އެވެ. ވިއާމާމެން ވިޝާމްމެންނާ ބައްދަލުވީ ލައުންޖުންނެވެ.
"ވިއާމާ…ކާރު އެއޮތީ ތައްޔާރުކޮށްފަ. އަވަހަށް ހިނގާ." ވިޝާމް ދަބަސްތައް ނަގަމުން ބުނެލި އެވެ. އެންމެން ކާރަށް އެރި އެވެ. އަގު ބޮޑު ކާރެކެވެ. ބީއެމްޑަބްލިއުގެ އެ ކާރަކީ ވެސް އެ ދުވަހަށްޓަކައި ސާރާ ތައްޔާރު ކުރުވި އަގު ބޮޑު ކާރެކެވެ.
ރޫބީ އެވެނިއުގެ ޕޯޓިކޯ ތެރެއިން ކާރު ވަނުމާ އެކު ޔުނިފޯމް ލާފައި ހުރި މީހަކު ކާރުގެ ދޮރު ހުޅުވާލަ ދިނެވެ. އަދި ދުވާހާ ގުޅޭ ގޮތުން މަރުހަބާ ކިޔެވެ. ދޮރުގެ އެއް ފަރާތުގައި ސާރާ ހެވިފައި ބަލަހައްޓައިގެން ހުއްޓެވެ. ވިއާމާ އަށް ސާރާ ފެނުމާ އެކު އުފަލުން ހަޅޭއްލަވައިގަންނަން އުޅުނެވެ.
ނަމަވެސް އެ ހިނދުކޮޅު ސާރާ އަތުގެ އިޝާރާތުން ވިއާމާ ހުއްޓުވި އެވެ. އާދިލް ވެސް ބޮލުގެ އިޝާރާތުން ސާރާ އާ ސަލާމް ކުރި އެވެ. ސާ ރާވެސް ހަމަ އެގޮތަށް ޖަވާބު ދިނެވެ.
"ވިއާމާ. އަހަރެމެން މި އައީ ކޮންތާކަށް؟" ސާހިލް ހިމޭން އަޑަކުން އަހާލި އެވެ.
"އަހަރެމެން މި އައީ ރޫބީ އެރީނާ އަށް. މާދަމާ މަދުރާއީ އަށް ދާން ފުރާނީ." ވިއާމާ ސާރާ އާ ދިމާއަށް ހިނިތުންވެލަމުން ބުނެލި އެވެ.
ސާހިލް ކޮޓަރި ނެގީ އާދިލް އާ އެއްކޮށް ހުންނަ ގޮތަށެވެ. އެއީ ސާހިލް އެދިގެންނެވެ. މުޅި ރޭގަނޑު ސާހިލް އާދިލް އާ ވަރަށް ވާހަކަ ދެއްކި އެވެ.
އެހެނަސް އެއްވެސް ކަމެއް އޮޅުންފި ލާގޮތެއް ނުވި އެވެ. ސާހިލް އަށް ނިދުމާ އެކު އާދިލް ދިޔައީ ވިއާމާގެ ކޮޓަރިއަށެވެ. ދެ މީހުން ތަފާތު ވާހަކަތައް ދެއްކިއެވެ. ވަޢުދުތަކާ އަހުދުތައް ވިއެވެ. ސާހިލް ރަނގަޅުވެގެން މާލެ ދާއިރަށް ކައިވެނި ކުރުމުގެ ފޮނި އުއްމީދުގައި އާ ދެލޯބިވެރިން އެ ރެ އަށް ވަކިވުމުގެ ސަލާމް ކުރި އެވެ.
މުރާދު އާއި ސާރާ ވެސް މަދުރާއީ އަށް ދާން ތައްޔާރުވި އެވެ. މިހާރު އެއްވެސް ކަމެއް ސާރާ އެކަނި ކުރާކަށް ނުޖެހޭނެ އެވެ. ހުރިހާ ކަމެއްގަ ސާރާގެ ބޭބެ މުރާދު އެހީ ވާނެ އެވެ. މިކަމުން ސާރާ އަށް ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.
ވިޝާމްމެން ހެނދުނު ސާހިލްމެން ގޮވައިގެން ދަތުރު ފެށި އެވެ. ސާރާޔާ މުރާދު ވެސް ހިމޭންކަމާ އެކު އެ މީހުންގެ ފަހަތުގައި ތިއްބެވެ. ހަ މީހުންގެ މައްޗަށް އެކުލެވޭ ކުޑަ ގާފިލާ މަދުރާއީގެ އައި ކެއާ ހޮސްޕިޓަލަށް ވަން އިރު ޑރ. ޝިލްޕާ އެ މީހުންގެ އިންތިޒާރުގައި އިނެވެ.
ސާހިލް އަށް ލޮލުގެ ޑޯނާ ވެސް ސާރާ ވަނީ އިންތިޒާމުކޮށް ހަމަޖައްސާފަ އެވެ. ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކޮށެވެ. ސާހިލް އަށް ލިބުނު ލޮލަކީ އިންޑިޔާގެ ސިފައިންގެ މީހެއްގެ ލޮލެވެ.
އޭނާ ޝަހީދުވުމުން އޭނާގެ ލޯ ހަދިޔާކޮށްފައިވާތީ އިއްތިފާގުން އެ ލޯ ސާހިލް އާ މެޗްވީ އެވެ. މިކަމުގައި ހިނގި ހުރިހާ ހަރަދެއް ކުރީ ސާރާ އެވެ. ދެ ދުވަހެއްގެ ތެރޭ ސާހިލްގެ ލޯ އޮޕަރޭޝަން ކުރެވިއްޖެ އެވެ. ސާރާގެ މަންމަމެން ވެސް މަދުރާއީ އަށް އަތުވެއްޖެ އެވެ.
ސާހިލް އޮޕަރޭޝަންކޮށްފަައި އޮއްވައި ބަލަން ވެސް ބަލައިފިއެވެ. ނަމަވެސް އެ ވަގުތަކީ ސާހިލް ނިދިފައި ވާ ވަގުތެއްކަމުން އޭނާއަކަށް އެ ކަމެއް ނޭގުނެވެ.
މިއަދަކީ ސާހިލް ނުވަތަ ސާރާގެ ސޫރަޖްގެ ބެންޑޭޖް ނައްޓާލެވޭ ދުވަހެވެ. މި ދުވަހަށްޓަކައި ސާރާ ވަނީ އެތައްއަހަރެއް އިންތިޒާރުކޮށްފަ އެވެ. ކެތްތެރިކަމެއް ނެތި އެވެ. ސާރާމެން ތައްޔާރު ވަމުން ދިޔަ އެވެ. ވަރަށް ގިނަ ފަހަރު މީރާ އައިސް އުނދަގޫ ކުރި އެވެ.
"އައްދޭ. ލޯބިވާ ހާދަނަލައެއް ތި ވަނީ." މީރާ ސާރާ އާ ދިމާކޮށްލި އެވެ.
"ހޫނ އެހެން މީހަކު ނުވީދޯ މަށާ ތި ބެހެން ފެށީ؟" ބުރުގާ އަޅަން ހުރެފައި ސާރާ ބުނެލި އެވެ.
"އެކަމަކު ހީވަނީ ފުއްކަފަ ޖެހި ބަޖިޔަލެއްހެން. ދެން ތި ވަރަށް ފުށް ނުޖަހަންޏާ ނުވޭތަ؟" މީރާ އިތުރަށް ސާރާ އާ ދިމާ ކުރި އެވެ.
އެންމެ ފަހުން ސާރާ މީރާ ކޮޓަރިން ނެރެފައި ދޮރު ލައްޕާ ތަންޑު އެޅުވި އެވެ. މީރާ ދެން އައި ފަހަރު ދޮރު ލައްޕާ ތަންޑު އަޅާފައި ހުރުމުން ދެން އޭނާ ދިޔައީ މުރާދު ކޮޓަރިޔަށެވެ. މުރާދުގެ ހެދުން ރެޑީ ކުރާށެވެ. އެވަގުތު މުރާދު ވެސް ހެދުން ނަގަން ކޮޓަރިއަށް އައި ވަގުތެވެ. މީރާ ފެނުމާ އެކު މުރާދު ފަހަތުން މީރާގެ ގައިގައި ބައްދާލި އެވެ.
"މަގޭ ކޮޓަރި އަށް ވަދެގެން ތި އުޅެނީ ކީއްވެ" އަދި މިކޮޓަރި އަށް ވަންނަން ރަަސްމީ ހުއްދައެއް ނުލިބެއެއްނު؟" މުރާދު އަހާލިއެވެ.
"މި އައީ އަސްލު މުރާދުގެ ހެދުން ތައްޔާރު ކުރަން. ތިއަށް ހިންދީ ބަހުން ކިޔަނީ އެހެސާން ފަރާމޯޝް." މުރާދު އާ ދިމާއަށް އެނބުރިލަމުން މީރާ ހެމުން ބުނެލި އެވެ. މުރާދުގެ ގައިން މީރާ އަށް ވަރަށް މީރު ވަސް ދުވި އެވެ.
"ދިވެހި ބަހުން ވާހަކަ ދައްކާ. މިއަށް ވުރެ މުއްސަނދި ބަހެއް ނެތް. ފެންވަރާ ގަޑީގަ ވެސް ސެންޓް ޖަހަނީތަ؟"
މުރާދުގެ ގައިން ވީއްލި ގަންނަމުން މީރާ ބުނެލި އެވެ.
(ނުނިމޭ)