ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.ފޭދޫ / އިރަމާގެ، މުޙައްމަދު ލަޠީފް (46އ) އާއި ތ.ތިމަރަފުށި / ވައިޓްރޯސް، އިސްމާޢިލް ޝަރީފް (37އ) ކަމަށެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މުޙައްމަދު ލަޠީފް ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބްރުއަރީ 12ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އަދި އިސްމާޢިލް ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބްރުއަރީ 18ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އެހެންކަމުން މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އާއި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.