އެމެރިކާގެ އިލިނޮއި ސްޓޭޓްގައި މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު، ގަޑިއަކު 9.25 ޑޮލަރަށް އަދި 2025 ވަނަ އަހަރާއި ހަމައަށް ގަޑިއަކު 15 ޑޮލަރަށް އިތުރުކުރުމަށް އިލިނޮއިގެ ސެނަޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އިލިނޮއިގެ ގަވަރުނަރުކަމާއި ހަވާލުވެވަޑައިގަތް ޖޭ ރޮބާޓް ޕްރިޓްޒްކަރ އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
2010 ވަނަ އަހަރުން ފެށިގެން އިލިނޮއިގެ އެންމެ ކުޑަ އުޖޫރައަކަށް ކަނޑައަޅާފައި ވަނީ ގަޑިއަކު 8.25 ޑޮލަރެވެ.
އަލަށް ހުށަހެޅި ބިލް ތަސްދީޤުވެއްޖެނަމަ، އިލިނޮއި ހިމެނިގެންދާނީ ގަޑިއަކު 15 ޑޮލަރުގެ އެންމެ ކުޑަ އުޖޫރައެއް ދިނުމަށް ފާސްކުރި ސްޓޭޓްތަކުގެ ތެރޭގައެވެ. 2022 ވަނަ އަހަރު ކެލިފޯނިއާގައި 15 ޑޮލަރުގެ އެންމެ ކުޑަ އުޖޫރައެއް ދޭން ފެށުމަށް ނިންމާފައިވާއިރު، މެސަޗުސިޓްސްގައި 2023 ވަނަ އަހަރު އަދި ނިއު ޖާޒީގައި 2024 ވަނަ އަހަރު އެ އުސޫލަށް ޢަމަލުކުރަން ފަށާނެއެވެ.
އެ ލިސްޓުގައި އިލިނޮއި ހިމެނުމަކީ ގަވަރުނަރު ޕްރިޓްޒްކަރގެ އެންމެ ބޮޑު އެއް މަޤްސަދެވެ.
އެ ބިލް ސެނަޓުން ފާސްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ޕްރިޓްޒްކަރ ވިދާޅުވީ އިލިނޮއިގައި ވަޒީފާ އަދާކުރާ އާއިލާތަކަށް މުސާރައިގެ ކުރިއެރުން ލިބެންޖެހޭކަން ސެނަޓުން ހާމަކޮށްދީފައިވާ ކަމަށެވެ. އަދި އިލިނޮއިގައި ދިރިއުޅެ، ބުރަ މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަމާއި ކައިބޮއެ އުޅެން ބޭނުންވާ ތަކެތި ގަނެވެންވާނެ ކަމަށެވެ.
އަދި މިއީ މީގެ މާކުރިންވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށާއި، މިހާ ހިސާބުން އަދި ނިމުނީކީ ނޫން ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.
ސެނަޓުން ވަނީ ފާއިތުވި އަހަރުތަކުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ގިނަ އަދަދެއްގެ ބިލްތައް ފާސްކޮށްފަ އެވެ. އެހެންނަމަވެސް މިހާތަނަށް އޭގެ ތެރެއިން ފާސްކޮށްފައި ވަނީ އެންމެ ބިލެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސެނަޓުން ފާސްކުރި ބިލާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުން ވަޒީފާތައް ގެއްލޭނެ ކަމަށެވެ.
ބިލާއި ދެކޮޅަށް ވޯޓު ދިން ރިޕަބްލިކަންސް ބުނީ މި ބިލް ޤާނޫނަކަށްވެއްޖެނަމަ، ވަޒީފާތައް މަދުކޮށް، މުދަލުގެ އަގުބޮޑުކުރުމަށް ނުވަތަ މުޅިން އެއްކޮށް ބަންދުކުރުމަށް ވިޔަފާރިތަކަށް މަޖުބޫރުވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގާ ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ކޮލެޖުތަކުގެ އިތުރުން ސޯޝަލް ސަރވިސް އޭޖެންސީތަކުގެ ބަޖެޓަށް އަސަރުކުރާނެ ކަމަށްވެސް ބިލާއި ދެކޮޅަށް ވޯޓުދިން ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް ޑިމޮކްރެޓުން ބުނާގޮތުގައި އެންމެ ކުޑަ އުޖޫރަ މަތިކުރުމާއި ގުޅިގެން އިޤްތިސާދީ ކުރިއެރުން ލިބޭނެ ކަމަށާއި، އޭގެ ސަބަބުން މީހުންނަށް ލިބޭ ފައިސާވެސް އިތުރުވެގެންދާނެ ކަމަށެވެ. ގަވަރުނަރު ޕްރިޓްޒްކަރ ވިދާޅުވީ މި މަހުގެ ފަހުކޮޅު ހުށަހަޅާ ބަޖެޓުގައި އެންމެ ކުޑަ އުޖޫރައިގެ ސަބަބުން އިތުރުވާނެ ޚަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.