ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ކަމަށާއި ރައްޔިތުން އެކަމަށް އެދި ރައީސް ސޯލިހަށް ވޯޓު ދިނުމުން، އެ މަސައްކަތް ކުރަނީ ހަމައެކަނި އެމްޑީޕީން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކޯލިޝަންގައި ހިމެނޭ އހެން ޕާޓީތަކަށް ފާޑުވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "ސަން" އަށް އީވާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީތަކުން ވެސް ގޭގެއަށް ވޯޓު ހޯދަން ދިޔަ ކަމަށާއި، އެބޭފުޅުންވެސް ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު ޖޭޕީގެ މެމްބަރުންނާއި އިސް ބޭފުޅުން ތަން ތަނަށް އަރާވަޑައިގެން މިވިދާޅުވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމެއް ނެތް ކަމަށެވެ.
'ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓުން އެކި ތަންތާނގައި ވިދާޅުވަމުން އެ ގެންދަވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ނުޖެހެޔޭ. ނަމަވެސް ރައްޔިތުން އިންތިޚާބުގައި ލީ ވޯޓުގައި ހިމެނޭ ޝަރުއީ ދާއިރާ އިސްލާހުކުރުން ވެސް،"
އެމްޑީޕީގެ އެޖެންޑާ 19 މަޖިލިސް ސިޔާސަތުގައި ޖުޑީޝަރީ ރިފޯމް ކުރުމަށް ބޮޑެތި ބަދަލުތަކެއް ހުށައެޅުއްވުމުން ކުރީގެ ޖަސްޓިސް މިނިސްޓަރ އަދި ހޯމް މިނިސްޓަރ އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އެ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.
އަދި ސުޕްރީމް ކޯޓު އަތުން ބާރުތައް ކަނޑާލައި ހަނިކުރުމަށް ތާޢީދު ނުކުރައްވާކަން ޑރ. ޖަމީލް ވަނީ ހާމަކޮށްފައެވެ. އެމްޑީޕީއާއި ޖުމުހޫރީ ޕާޓީއާ ދެމެދު ކޯޅުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ޑރ. ޖަމީލް ވެސް ވަނީ މަޖިލިސް އިންތިޚާބަށް ނިކުމެވަޑައިގެންފައެވެ. ވިލިމާލެއަށް ޖަމީލް ވާދަކުރައްވާ އިރު އެ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކުވެސް ނިކުމެއެވެ.