ސަރުކާރުން މަސައްކަތް ކުރާނީ ވައްކަމާއި ކަރަޕްޝަނުން މުވައްސަސާތައް ސަލާމަތް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައި، ގައުމު އިސްލާހުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.
ރައީސް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް މިއަދު ތައާރަފްކުރައްވާފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީހެއްގައި ނާޖައިޒު އެއްވެސް ކަމެއް ހިނގާ ނަމަ ނުވަތަ ޝައްކުވިޔަސް، އެކަން ސަމާލު ކަމަށް ގެނެސްދިނުމަށެވެ.
ކޮރަޕްޝަންގެ ވަބާ ނައްތާލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހަމައިން ކަމަށާއި އެކަމަށް ބޭނުން ވަނީ އިހްލާސްތެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަސް ކަމުގައި ހައްދަވަމާ ހިންގަވާ. ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް އެ ތަންތަން ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު،"
ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން އިންތިޒާމު ކުރެވިފައި ހުންނަން ވާނީ ހާމަކަން ބޮޑު ދެ ފުށް ފެންނަ ގޮތަށެވެ. އެ ތަންތަނުން ހިދުމަތް ދޭން ވާނީ ދުރާލައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ މުއައްސަސާތަކާ މެދު އާންމުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ކޮރަޕްޝަނާ މެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ ޒީރޯ ޓޮލަރެންސް،"
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭއްފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ވަކި އުސޫލަކުން ހާމަކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.