ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހުގެ 25 ދުވަހު ފެށުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިއްޔެ ވަނީ މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ހުރިހާ ޕާޓީއެއްގެ ލީޑަރުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޖިލިސް ބާއްވާ ދުވަހަކާ މެދު ޚިޔާލު ހުށައެޅުމުން، ހުރިހާ ލީޑަރުން ވެސް އަންނަ ހަފްތާގައި ފެށުމަށް ތާއީދުކޮށް 25 ތާރީޚަކަށް ހަދާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މަޖިލީހުގައި ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ގާސިމް ވަނީ ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ލީޑަރަކު އަދި ޕާޓީއަކުން ވެސް އެކަމާ ގުޅޭގޮތުން ތަފްސީލެއް ނުދެއެވެ.
މިޖަލްސާގައި ޖުމުހޫރީ ޕާޓީގެ ޕީޖީ ލީޑަރ އަބްދުﷲ ރިޔާޒް، އެމްޑީޕީން ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް، ޕީޕީއެމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން، އެމްޑީއޭ އިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އަދި އަދާލަތު ޕާޓިން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައެވެ. އެދުވަހު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ރިޔާސީ ބަޔާން އިއްވަވާފައެވެ. އެދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ 67 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ޗުއްޓީ ތެރޭގައިވެސް ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން ނިންމެވިއެވެ. ނަމަވެސް ކޯލިޝަންގެ މެމްބަރުންގެ ތާއީދެއް ނުލިބުމުން އެ ޖަލްސާ ބޭއްވޭނެ ގޮތެއް ނުވި ކަމަށް އަޑު ފެތުރިފައިވެއެވެ.