ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ޤާއިމްކޮށްފައިވާ ވިސާ އެއްބަސްވުމަށް އަންނަ މަހުގެ ތެރޭގައި ޢަމަލުކުރަން ފެށުމަށް ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ހާމަކުރި ގޮތުގައި އާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް އަންނަ މާޗު މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ބަދަލުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ދެޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެޤައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އިންޑިއާގައި މިހާރުވެސް ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާއިރު، އިންޑިއާ އަކީ ބޭސްފަރުވާ އަށް ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމެކެވެ.