ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން 2-0 އިން ބަލިވެ އޮލެގުނަ ސޯލްޝެއާ ވަގުތީގޮތުން ކޯޗުކަމާއި ހަވާލުވިފަހުން މެންޗެސްޓާ ޔުނައިޓެޑުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
މިއީ ޔުނައިޓެޑްގެ ތާރީޚުގައި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅެގެން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ.
ރޭގެ މެޗުގެ ކުރީން ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެފައިވާއިރު އެންމެ މެޗަކުންވެސް އެ ޓީމު ބަލިވެފައެއްނުވެއެވެ.
ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ފުލަމް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިންކަމަށްވާ މާކަސް ރަޝްފޯޑް އާއި ޖެސޭ ލިންގާޑް އަދި އޭޝްލީ ޔަންގްގެ އިތުރުން ވިކްޓާ ލިންޑެލޯފަށް ވަނީ މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަދީފައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ އެޑިންސަން ކަވާނީ އާއި ނޭމާ އިތުރުން ތޯމަސް މޫނިއޭ ނުކުޅެއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑުޖެހުމަށް ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު މި ހާފު ދެ ޓީމުން ވެސް ނިންމާލީ ގޯލެއް ކާމިޔާބުނުކުރެވިއެވެ.
އެގޮތުން، ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ރަޝްފޯޑަށް ލިބުނު ފުރުޞަތުގައި ވަރަށް ހަނި އޭންގަލަކުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން މަތަކުރިއިރު މި ހާފުގައި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭ އަށް ވަނީ ޕީއެސްޖީ އަށް ލީޑް ނަގައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ޑެނީ އަލްވެސް ނަގައިދިން ހުރަހަކުން އެމްބާޕޭ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.
ނަމަވެސް، އޭގެ ކުޑައިރުކޮޅެއްފަހުން ޕީއެސްޖީ އަށް ލިބުނު ކޯނަރަކުން ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ އެންހެލް ޑި މާރިއާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ދެވަނަ ލަނޑު، 60 ވަނަ މިނެޓުގައި ޑި މާރިއާ ދިން ރީތި ބޯޅައަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ޔުނައިޓެޑްގެ ޑިފެންސްލައިންގެ ފަހަތުން ދެމިގަތުމަށްފަހު އެމްބާޕޭ ވަރަށް ހަމަޖެހިލާފައި ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު އެމްބާޕޭ ވަނީ އިންގްލެންޑްގެ ޓީމުތަކާ ދެކޮޅަށް އެގައުމުގެ ފަސްގަނޑުގައި ކުޅުނު ހަތަރު މެޗުގައި ތިން ގޯލް ކާމިޔާބުކޮށްފައެވެ.
ޕީއެސްޖީގެ ދެވަނަ ލަނޑަށްފަހު އެ ޓީމުގެ ލީޑް ފުޅާކުރުމަށް އެމްބާޕޭ އާއި ހުއާން ބަނާޓް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއެވެ.
މެޗު ނިމެން ދަނިކޮށް، ޔުނައިޓެޑްގެ ހުއާން މަޓާ އާއި އެންޑާ ހެރޭރާ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މި މެޗުގެ ފަހުވަގުތުކޮޅުގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ އޭއެސް ރޯމާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިކޮށްފައެވެ. މި މެޗުގައި ރޯމާ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ އުމުރުން 19 އަހަރުގެ ނިކޮލޯ ޒަނިއޯލޯ އެވެ. ޕޯޓޯގެ ހަމައެކަނި ލަނޑުޖަހައިދިނީ އެޑްރިއަން ލޮޕޭޒް އެވެ.