ނައިބު ރައީސް ފައިޞަލް ނަސީމް، ކިންގް ސަލްމާން މިސްކިތަށާއި މާވެޔޮ މިސްކިތަށް މިއަދު ޒިޔާރަތްކުރައްވައި، އެތަންނުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި އެމިސްކިތްތަކުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު ބައްލަވައިލައްވައި، އެ ދެ މިސްކިތުގެ މަސައްކަތްތަށް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ.
ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި އެވެ. 2017 ވަނަ އަހަރުގެ މާޗު މަހު އެ ކުންފުންޏާއި ހަވާލުކުރި އެ މަޝްރޫޢު އަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކަމަކަށްވީއިރު، އެ މިސްކިތް އެޅުމުގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.
ހަ ފަންގިފިލާ ހިމެނޭނެ އެ މިސްކިތް ބިނާ ކުރަނީ 41،500 އަކަފޫޓްގެ ޖާގައިގެ ބިމެއްގައެވެ. އެމިސްކިތުގެ ފަންގިފިލާތަކަށް އަރައި ފޭބުމަށްޓަކައި ހަތަރު ލިފްޓް ހުންނާނެއެވެ. މީގެ އިތުރުން މިސްކިތަށް ވަންނަ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށްޓަކައި 44،100 އަކަ ފޫޓްގެ ޖާގައިގެ ޕާކިން ޒޯނެއްވެސް އޮންނާނެއެވެ.
އެ މިސްކިތުގައި އޮޑިޓޯރިއަމް އެއްގެ އިތުރުން މަލްޓި ޕާޕަސް ހޯލަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ލައިބްރަރީ އަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައްވެސް ޤާއިމް ކުރެވޭނެ އެވެ.
ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތަށް ވާނެ އެ މިސްކިތުގައި ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާޢަތް ހަދައިގެން ނަމާދު ކުރެވޭނެ ޖާގަ އޮންނާނެއެވެ.