Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

މިދިޔަ އަހަރު ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އުރީދޫ)

ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މާޗު މަހުގެ 03 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި ހަމަ އެ ރޭ 19:30 އާއި 20:30 އާއި ދެމެދު ޖަލްސާއަށް ރަޖިސްޓްރީކުރުން ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދާނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.

އުރީދޫ އިން އެ ޖަލްސާގެ އެޖެންޑާ މިހާރު އިއުލާންކޮށްފައިވާއިރު، މިދިޔަ އަހަރު އޮތް އަހަރީ ޖަލްސާގެ ޔައިމިއްޔާ ފާސްކުރުމާއި، 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2019 ވަނަ އަހަރަށް އޮޑިޓަރުންނާއި އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން މިދިޔަ އަހަރުގެ ޑިވިޑެންޑް ބަހާނެ ގޮތެއް ކަނޑައަޅައި ފާސްކުރުން އެ ޖަލްސާގައި ކުރިއަށްދާނެ އެވެ.

އުރީދޫ އަށް މިދިޔަ އަހަރު އާއްމުދަނީގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 545 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރު ލިބުނު ފައިދާގެ 88%، ކޮންމެ ހިއްސާއަކަށް 3.22 ރުފިޔާ ޖެހޭގޮތަށް ބެހުމަށް އެ ކުންފުނީގެ ބޯޑުން ވަނީ ލަފާދީފައެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ހިނގާ ފެބްރުއަރީ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.