ދިރި އުޅުމަކީ ބޮޑު އިމްތިހާނެކެވެ. ދުނިޔެ މަތީގައި އެކި މީހުންނަށް އެކި ވަރުގެ އިމްތިހާނުތައް ކުރިމަތިވެއެވެ. އިމްތިހާނުތައް ކުރިމަތިލާންޖެހިދާނެކަން ދަނެ އެކަންކަމާއި ކުރިމަތިލާނެ ހިތްވަރު ހުރުމަކީ މަދު މީހެއްގެ ގައިގައި ހުންނަ ސިފައެކެވެ.
ސ.ހިތަދޫ އަށް އުފަން އަންސާރާ އަޙްމަދަކީ 15 އަހަރުން ދަށުގެ ތިން ކުދިންގެ މަންމައެކެވެ. ދިރި އުޅުމަށްޓަކައި ފޮނި އުމްމީދު ކުރަމުން އައި އަންސާރާ މިއަދު ދަނީ ފުރާނައަށް ނުރައްކާ ކުރަނިވި ކިޑްނީގެ ބައްޔަކާއި ހަނގުރާމަ ކުރަމުންނެވެ.
އަންސާރާ އަށް ދިމާވެފައިވާ ބަލި ހާލަތާއި ދިރިއުޅުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ އޭނާ ވަނީ "އައްޑޫލައިވް" އާއި ހިއްސާ ކޮށްފައެވެ.
އަންސާރާ ބުނީ އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އޭނާއަށް ބޭސް ކުރީ ތައިރޮޑް މައްސަލައެއް ކަމަށް ބަލައިގެންކަމަށެވެ. އެގޮތަށް އޭނާއަށް މަސް ދުވަހުގެ ބޭސް ދިނުމަށްފަހު އެ ބޭސް ބޭނުން ކުރުމުންވެސް ބަލި ރަނގަޅު ނުވިކަމަށެވެ.
"ފުރަތަމަ ޑޮކްޓަރަށް ދެއްކީ ޕީރިއެޑް މައްސަލަ ދިމާވެގެން. ދެއްކީމަ އެއްމަސް ދުވަހަށް ދިން ބޭސް ކައިގެން ވެސް ރަނގަޅު ނުވެގެން އައިމެމްޑީސީ އަށް ދެއްކީ، އެތާ ޑޮކްޓަރުން ބުނީ ތައިރޮއިޑް ކަމަށް ، ދެން ދިނީ އެއްމަސް ދުވަހުގެ ބޭސް. ދީގެންވެސް ރަނގަޅު ނުވެގެން ޓެސްޓް ތައް ހެދީ. އެޓެސްޓް ތަކުން އެނގުނީ ތައިރޮއިޑް ނޫން ކަން" އަންސާރާ ކިޔައިދިނެވެ.
އަންސާރާ ބުނި ގޮތުގައި އޭނާ ވަނީ ތަފާތު އެކި ޑޮކްޓަރުންނަށް ދައްކައި އެތައަް ބޭހެއް ބޭނުން ކޮށްފައެވެ. އެކަމުގެ ސަބަބުން ނުގުޅޭ ބޭހެއް ކެވި އޭނާގެ ހަށިގަނޑު ދުޅަވިއެވެ.
"މިދިޔަ ޖޫން މަހު މާލެ އަށް ގޮސް ޑޮކްޓަރަށް ދެއްކީ ޓެސްޓް ތަކެއް ހެދީ. ބުނި ތައިރޮއިޑް ވެސް ހުރިކަމަށް. ކިޑްނީގެ ވެސް މައްސަލަ އެއް އެބަހުރި ކަމަށާއި އެއް ކިޑްނީ ބޮޑުވެފައި އަނެއް ކިޑްނީ ކުޑަ ކަމަށް، އޭގެ 3 މަސް ފަހުން އަމިއްލަ ގޮތުން ލަންކާ އަށް ދިޔައީ މާބޮޑަށް ބަލިވާތީ. ލަންކާ ގެ ޑޮކްޓަރުން ބުނީ ތައިރޮއިޑް އެެއް ނެތް ކަމަށް. ނުގުޅޭ ބޭހެއް ކެވިފަ ހުރީ ކަމަށް" އަންސާރާ ކިޔައިދިނެވެ.
އަންސާރާ އިތުރު ފަރުވާއަށް ލަންކާއަށް ގޮސް ޑޮކްޓަރުންނަށް ދެއްކުނު އިރު އޭނާގެ ދެ ކިޑްނީ މަސައްކަތް ކުރަނީ އެންމެ 11 ޕަސެންޓަށެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހު އޭނާގެ ކިޑްނީ މަސައްކަތް ކުރާ ނިސްބަތް 8 ޕަސެންޓަށް ދަށް ވިއިރު ޖެހިގެން އައި މަހު އިތުރަށް ދަށްވެ 5 ޕަސެންޓަށް ވިއެވެ. ކިޑްނީ މަސައްކަތް ކުރުން ދަށްވުމާއި އެކު އޭނާއަށް ޖެހުނީ ޑައިލަސިސް ހަދާށެެވެ.
އަންސާރާ ބުނީ ކިޑްނީ ޑައިލިސިސް ހަދަން ފެށުމާއި އެކު ވީހާވެސް އަވަަހަށް ޑޯނާރއެއް ހޯދުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
އަންސާރާ ބުނީ އޭނާއަށް ދިމާވެފައިވާ ބައްޔަކީ ކިޑްނީގެ ބައްޔެއް ކަމަށްވާ އެންޑް ސްޓޭޖް ރީނަލް ޑިޒީޒް (އީއެސްއާރްޑީ)ކަމަށެެ.
ކިޑްނީގެ މަސައްކަތް ހުއްޓި އަންސާރާ މަރާއި ހަނގުރާމަ ކުރަމުންދާއިރު އޭނާގެ ބައްޔަށް އާސަންދައިން ފަރުވާ ލިބެން ނެތެވެ.
"މިދިޔަ ސަރުކާރު ގައިވެސް އަދި މި ސަރުކާރު ގައިވެސް އަޅުގަނޑުމެން އާސަންދަގެ ޙިދުމަތައް އެދުނިން، ލިބުނީ އެއް ޖަވާބެއް، އާސަންދަ އިން ކިޑްނީ ގެ ބައްޔައް ފަރުވާ ދެވެން ނެތް ކަމަށް" އަންސާރާ ގެ ޅިޔަނެއް ކިޔައިދިނެވެ.
އަންސާރާއަށް ދިމާވި ބަލި ހާލަތާއި އެކު އޭނާގެ އާއިލާ އަށް ވަނީ ބޮޑެތި ގޮން ޖެހުން ތަކާ ކުރިމަތިލާން ޖެހިފައެވެ. "އާއިލާ ގައި އެހާ ފުދުންތެރި ކަމެއް ނެތް. އާއިލާގެ ތެރެއިން ޑޯނަރ ދޭނެ މީހަކު ވިއަސް ގިނައީ ކޮންމެވެސް ބައްޔަކައް ބޭސް ކުރާ މީހުން، އެހެންވީމާ އާއިލާގެ ތެރެއިން މި ކަމަށް ޙައްލެއް ލިބިދާނެ ކަމުގެ އުމްމީދު ކުޑަ" އަންސާރާގެ ޅިޔަނު ކިޔައިދިނެވެ. އަންސާރާ މިހާރު ދަނީ ކޮންމެ ހަފްތާ އަކު ތިން ފަހަރު ޑައިލިސިސް ހަދަމުންނެވެ.
"ހިނގަން ވަރަށް އުދަނގޫ، ވަރަށް ގިނައިން ހޮޑު ލެވޭ، އިރު އިރުކޮޅާ ވަރުބަލިވޭ، އެއްވެސް މަސައްކަތެއް ނުކުރެވޭ، ކޮންމެވެސް މީހެއްގެ އެހީ ތެރިކަމާއެކު މި އުޅެނީ" އަންސާރާގެ ބަލީގެ އިޙްސާސް ތައް އަސަރާއި އެކު ކިޔައިދިނެވެ.
އަންސާރާގެ ބުނީ ﷲގެ އިރާދަފުޅުން އޭނާއަށް މިހާރު ކިޑްނީއެއް ދިނުމަށް ޑޯނާއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިބަލީގެ ފަރުވާ ކަމުގައިވާ ޑަޔަލިސިސް އަދި ކިޑްނީ ޓްރާންސްޕްލާންޓް އާއިގެން ކުރިއަށް ދެވޭނެ މާލީ އެހީތެރިކަމެއް ނެތްކަމަށެވެ.
"ބަލި ވުމުގެ ކުރިން އަޅުގަނޑު ވަރަށް ފަލަ ، އޭރު 63 ކިލޯ ހުރޭ، އެކަމަކު މިހާރު ހުންނަނީ 43 ކިލޯ ، އެއްވެސް އެއްޗެއް ނުކެވޭ. ވަރަށް ހިތްވަރު ކޮށްގެން މި އުޅެނީ "
އެހެން މީހުންނެކޭ އެއްފަދައިން އޭނާ ވެސް ދިރި ހުންނަން ބޭނުންވެއެވެ. މައުސޫމު 3 ކުދިންނަށްޓަކައި ވެސް ދިރި ހުރުމުގެ އުމްމީދު ކަނޑައެއް ނުލައެވެ. އެކަމަކު އުމްމީދު ތަކުގައި ޙަޤީޤީ ކުލަ ޖެހެން އޮތީ ދީލަތި އެހީތެރި ކަމެއް އަޅުގަނޑުމެންގެ ކޮންމެ މީހަކު ވެސް އަންސާރާއަށް ވެވިގެންނެވެ.
ކިތަންމެ ކުޑަ އެހީއެއްވިޔަސް އެވާނީ މައުސޫމް ތިން ކުދިންގެ މަަންމައެއްގެ ފުރާނަ ސަލާމަތް ކުރަން ވެދެވުނު ދީލަތި އެހީއަކަށެވެ. އަދި ދަރުމަ އާއި ސަވާބުން ފުރިގެންވާ ހެޔޮކަމަކަށެވެ.
މިހާތަނަށް އާއިލާ އަދި ހެޔޮއެދޭ ފަރާތްތަކުން 52،000 ރުފިޔާގެ އެހީ އަންސަރާއަށް ލިބިފައިވާ އިރު، މިފަރުވާއަށް 400،000 އެއްހާ ރުފިޔާ ބޭނުންވެއެވެ.
އެހީ ވެލައްވަން ބޭނުންފުޅުވާ ބޭފުޅުން އެހީ ފޮނުއްވާނީ
Ansara Ahmed/ 7708505270101
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން