(މެއި 1، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ތިއެއް އެނގޭނީ މަށާ އެކު ފެންވަރަން ވަންނަ ނަމަ ނޫންތަ؟" މުރާދުގެ ގައިން ވީއްލި ގަންނަމުން މީރާ ބުނެލި އެވެ.
މުރާދު އަނެއްކާ ވެސް މީރާގެ އަތުގައި ހިފާ އޭނާ އާ ކައިރި އަށް ދަމާލި އެވެ. އަދި މީރާގެ މޫނާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު މީރާ ދޮރާ ދިމާއަށް އިޝާރާތްކޮށްލުމުން މުރާދަށް ހީވީ ދޮރު ކައިރީ މީހަކު ހުރީ ކަމަށެވެ. އަދި ވަގުތުން މީރާގެ އަތުން ވެސް އޭނާ ދޫކޮށްލި އެވެ. ލިބުނު ފުރުސަތުގައި މީރާ ހެމުންހެމުން އެ ކޮޓަރިން ނިކުތެވެ.
ހުރިހާ އެންމެން ސާހިލްގެ ކޮޓަރީގައި ތިއްބެވެ. ސާހިލްގެ ކޮޓަރި ވަނީ ފަނޑު އަލިކަމެއްގެ ތެރޭގަ އެވެ.
"މި ވަގުތުގެ އިހްސާސަކީ ކޮބާ؟" ވިއާމާ ސާހިލް ކައިރިން އަހާލި އެވެ. ސާހިލް ހިނިތުންވުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ނުކުރެ އެވެ.
ޑޮކްޓަރު ދުރުވެ ބޭނުންވާ ހުރިހާ ވާހަކައެއް ނަރުސް ކުއްޖާ އަށް ކިޔައި ދިނެވެ. އަދި އައިސް ތިބި މެހްމާނުންނަށް ވެސް ހަމަޖެހިލެއްވުމަށް އިޝާރާތް ކުރެއްވި އެވެ. ޑޮކްޓަރު ގަޑި ބެއްލެވި އެވެ. އަދި އައިސް ތިބި މިހުންނާ ދިމާއަށް ހިނިތުންވެލި އެވެ.
ސާރާ ވެސް ހާސްކަމާ އެކު ހުއްޓެވެ. އެންމެ ފަހުން ޑޮކްޓަރު ސާހިލްގެ ބެންޑޭޖް ނައްޓަވާލި އެވެ. މަޑުމަޑުން ސާހިލް އާ ވާހަކަ ދައްކަމުން ނެވެ. އަދި ލޯ މަޑުމަޑުން ހުޅުވާލުމަށް ޑޮކްޓަރު ނަސީހަތް ދެއްވި އެވެ. ސާހިލް ބިރުން އިނދެމެ ލޯ ހުޅުވާލި އެވެ. ނަރުސް ކުއްޖާ ކޮޓަރީގެ ފަނޑު އަލި މަޑުމަޑުން ގަދަ ކުރި އެވެ. ސާހިލް ވަށައިގެން ހޯދާލި އެވެ. އޭނާ އަށް ފެނުނެ ކަންތަކުން ހައިރާންވެފައި އަލުން އޭނާ ލޯ މަރާލި އެވެ. ގިނަ މޫނުތަކަކީ އޭނާ އަށް އާ މޫނުތަކެކެވެ.
"ޑޮކްޓަރު އަޅުގަޑަކަށް ނުފެނޭ…މިތަން މިހާ އަނދިރީ ކީއްވެ؟" ސާހިލް މޫނުގައި އަތް އެޅުމަށް ފަހު ރޯން ފެށި އެވެ. ހަމަ އެ ވަގުތު ސާރާ ވެސް އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅައި ގަތުމަށް ފަހު ރޯން ފެށި އެވެ.
"ނޫން. މިއީ އެކަށީގެންވާ ކަމެއް ނޫން. އަހަރެންގެ އެއްވެސް ކޭސްއެއް މިގޮތަކަށް ދިމައެއް ނުވޭ." ޑޮކްޓަރު ހާސްކަން އެކުލެވިފައިވާ އަޑަކުން ސާހިލްގެ ލޯ ބައްލަވަމުން ބުނަމުން ދިޔަ އެވެ.
ވިއާމާ ވެސް ސާރާ އަށް ހިތްވަރު ދެމުން ދިޔަ އެވެ. އަނެއްކާ ވެސް ލޯ ޗެކަޕެއް ހެދުމަށްޓަކައި ހުރިހާ އެންމެން ބޭރަށް ނިކުތެވެ. ސާރާ ގޮނޑިގައި ބޭންދުމަށް ފަހު ހުސްނާމެން ވެސް ސާރާ ކައިރީ އިށީނެވެ. އަދި ހިތްވަރު ދޭން ފެށި އެވެ.
ޑޮކްޓަރު ތަފާތު ގޮތްގޮތަށް ޗެކަޕް ކުރި އެވެ. ނަމަވެސް ސާހިލް އަށް ނުފެންނަން ޖެހޭ އެއްވެސް ސަބަބެއް ޑޮކްޓަރަކަށް ނުފެނުނެވެ. ސާހިލްގެ ލޮލަށް ބޭސް އެޅުމަށް ފަހު ޑޮކްޓަރު ވެސް ދުރުވީ ސާރާ ކައިރިއަށެވެ.
"އަޅުގަނޑަށް ޔަގީން އޭނާ ރަނގަޅުވާނެކަން." ސާހިލް އޮތް ކޮޓަރީގެ ބޭރުގައި ވިއާމާ އާއި ސާރާ ވާހަކަ ދައްކަން ތިއްބެވެ.
ގޮނޑިއެއްގައި ސާހިލް ބައިންދައިގެން ނަރުސް ކުއްޖާ އައި އިރު ދޮރު ކައިރީ ރީތި ދެ އަންހެން ކުދިން ތިއްބާ ސާޙިލް އަށް ފެނުނެވެ. ސާހިލް ލޯ މަރައިގެން ކަމަށް ހެދިގެން އިނެވެ. ސާހިލް ކޮޓަރި އަށް ވައްދާ އެނދުގައި އޮށޯތުމާ އެކު ނަރުސް ކުއްޖާ ދިޔައި އެވެ.
ސާރާ ކައިރި އަށް ޖެހިލާފައި ސާހިލްގެ ބެޑްޝީޓް ފައިން ފެށިގެން ގައިގައި އަޅާލަ ދިނެވެ.
"ކާކު؟" ސާހިލް އަހާލިއެ ވެ. އެވަގުތު ސާރާ ދުރަށް ޖެހިލި އެވެ.
"އަޅުގަނޑު….ވިއާމާ…" ވިއާމާ ކައިރި އަށް ޖެހިލަމުން ބުނެލި އެވެ. ސާރާ ލޯ ކަރުނުން ތެމިފައިވާ މަންޒަރު ރީތިކޮށް ސާހިލް ދެކުނެވެ.
މިހާރު ސާޙިލް އަށް އެއީ ސާރާކަން ޝައްކުވެއްޖެ އެވެ. ތެދެކެވެ. އެއީ އޭނާގެ ސާރާ އެވެ. މިއަދު ސާރާ އެ ބަލަނީ އޭނާގެ ލޮލުންނެވެ.
"ވިއާމާ…ފެން ފޮދެއް ދީބަލަ." ސާހިލް އެދުނެވެ. އެ ވަގުތު ސާރާ ފެން ތައްޓަށް އަޅާފައި ވިއާމާ އަތަށް ދިއްކޮށް ލިއެވެ. ވިއާމާގެ އަތުން ސާހިލް އަށް ދިއްކޮށްލި އެވެ. ސާހިލް ހުރިހާ މަންޒަރެއް ރީތިކޮށް ދެކުނެވެ. އަދި ސިއްރުން ފުރިގެންވާ ހިނިތުންވުމެއް ހީލި އެވެ.
"ވިއާމާ…އެއްކަލަ މަލްހާ ކޮބާތަ މިހާރު؟" ކުއްލިއަކަށް ތަށި ވިއާމާ އަތަށް ދިއްކޮށްލަމުން ސާހިލް އަހާލި އެވެ. އެވަގުތު ނުބުނާށޭ ބުނާހެން ސާރާ އިޝާރާތްކޮށްލި ތަން ވެސް ސާހިލް ދެކުނެވެ.
"އޭނާ މި ދުވަސްކޮޅު ބޭސް ފަރުވާ އަކަށް އިންޑިޔާ އަށް އައިސް އެބައުޅޭ." ވިއާމާ އަޅައިގަންނަމުން ބުނެލި އެވެ.
"އަހަރެން ވަރަށް ބޭނުން އޭނާ އާ ވާހަކަ ދައްކާލަން. ބުނޭ މިތަނަށް އަންނަށޭ." ސާހިލް ބުންޏެވެ.
"އެންމެ ރަނގަޅު މި ގުޅަނީ އޭނާ އަށް." ވިއާމާ ބުނެލި އެވެ.
ސާރާ ހިތާމައިން ފުރިގެންވާ ގޮތަކަށް ސާހިލް އާ ދިމާއަށް ބަލާލި އެވެ. ސާހިލް ލޯ މަރައިގެން އެނދުގައި އޮތެވެ. ވިއާމާ ވެސް ސާރާ ސާހިލް ކައިރީ ބައިންދާފައި އާދިލް އާ އެކު ގެއަށް ދިޔައީ އެވެ. ސާރާ ސާހިލް ކައިރީ އެކަނިވީ އެވެ. އިރުކޮޅަކުން ސާހިލް ލޯ ހުޅުވާލިއެވެ. އަދި ވާހަކަ ދައްކަން ފެށި އެވެ.
"ކާކު؟"
"އަޅުގަނޑު…މަލްހާ…" ސާރާ ނުހަނު އުނދަގުލުން ޖަވާބު ދިނެވެ.
"މަލްހާ ހާދަ އަވަހަކަށް ތި އައީ ވިއާމާ ގުޅީދޯ. މިކޮޅުގަ ކީއް ކުރަނީ؟" ސާހިލް އިށީނދެލާފައި އަހާލި އެވެ.
"އަޅުގަނޑު ވެސް މި ކޮޓަރިއަށް އައި ވަގުތު ސާހިލް އެހެން ބުނީ.އެވަގުތު ވިއާ މާއަށް ވެސް ފެނުނީ ދެން މަޑުކޮށްލީ. މި އައީ ބޭސް ފަރުވާއަކަށް." ކުޑަ ދޮރާ ދިމާއަށް ހިނގައިގަންނަމުން ސާރާ ބުނެލި އެވެ. އެވަގުތު ސާރާ އާއި ސާހިލް ގުރާދޫގެ ތަފާތު އެތައް ވާހަކައެއް ދެއްކި އެވެ.
އެހެނަސް ސާރާ ސާހިލް އާ ދިމާއަށް ބަ ލާވެސް ނުލަ އެވެ. އެ އޮތް ހުރިހާ އިރު ސާހިލް ހުރީ ކަޅި ވެސް ޖަހާ ނުލައި ސާރާ އަށް ބަލާށެވެ. އެ ވަގުތު ސާރާގެ މަންމަ ހުސްނާ އެ ކޮޓަރި އަށް ވަނެވެ. އަދި ސާރާ އަށް ގޮވާލި އެވެ.
"ސާރާ. ބޭރުގައި ޑޮކްޓަރު ސާރާޔަށް އެބަ ގޮވާލައްވާ ދާންވީނު ބަލާލަން." އެވަގުތު ސާރާ އަތުގެ އިޝާރާތުން މަންމަ ހުއްޓުވި އެވެ. މި މަންޒަރު ސާހިލް އަށް ވެސް ފެނުނެވެ. އެހެނަސް ސާހިލް އަނެއް ފަރާތަށް އެނބުރުނީ އެވެ.
ހުސްނާ ސާހިލް އާ ދިމާލަށް ބަލާލި އެވެ. އެހެނަސް އެއްޗެކޭ ނުބުނެ އެވެ. ސާހިލްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ސާރާ ދަމުން ދިޔައީ މަންމަ ވެސް ގޮވައިގެނެވެ.
ސާހިލް ވިސްނާލި އެވެ. ތެދެކެވެ. އޭނާ އަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ ސާރާ އެވެ. އެއީ އޭނާގެ ލޮލުގެ އަލިކަން ދެވުނު އޭނާގެ ސާރާ އެވެ. އެވަގުތު ކުއްލިއަކަށް ސާރާ ދޮރު ހުޅުވާލި އެވެ. ސާހިލް އެނބުރި ސާރާ އާ ދިމާ އަށް ބަލާލި އެވެ.
"ސާރާ…" ސާހިލް އޭނާގެ ދެ އަތް ސާރާ އާ ދިމާއަށް ދިއްކޮށްލި އެވެ. ސާރާ ހައިރާންވެފައި ސާހިލް އާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ސާހިލް އަންނާށޭ ބުނާހެން ބޮލުން އަނެއްކާ ވެސް އިޝާރާތްކޮށްލި އެވެ.
"ސާހިލް އަށް ފެނޭތަ؟ ސާހިލް އަޅުގަނޑު އެނގުނީ ކިހިނެއް؟" ސާރާ ސުވާލުކޮށްލި އެވެ. ސާހިލް އާނއެކޭ ބުނާހެން ބޯ ޖަހާލި އެވެ. އަދި އަންނާށޭ ބުނާހެން އިޝާރާތްކޮށްލި އެވެ.
ސާރާ މީހަކު ކޮށްޕާލީމާ ދާ އުސޫލުން ގޮސް ސާހިލްގެ މޭގައި ލައްވެލި އެވެ.
"ސާހިލް އަށް ފެންނަ އިރު ވެސް ނުފެންނަ ކަމަށް ހެދީ ކީއްވެ؟" ސާހިލްގެ މޭގައި ބޯ އަޅާލައިގެން ހުރެ ސާރާ ބުނެލި އެވެ.
"އަހަރެންނަށްޓަކާ ފިދާވަމުންދާ ކުއްޖާ ފިދާވަމުންދާ މަންޒަރު އަމިއްލަ ލޮލުން ދެކިލަން ބޭނުން ވުމަކީ ގޯހެއް ނޫން ދޯ. އެކަމަކު ބޮޑަށް ޔަޤީންވީ ދެންމެ ހުސްނާއްތަ އައިސް ގޮވާލީމާ. ސާރާ ތީ ހަމަ މަގޭ ސާރާ." ސާރާގެ ބޮލުގައި ފިރުމާލަމުން ސާހިލް ބުނެލި އެވެ އަދި ސާރާގެ މޫނުގައި ހިފާ މައްޗައް އުފުލާލި އެވެ.
"ސާރާ…އަހަރެންގެ…ސާރާ…"
"ސޫރަޖް…އަހަރެންގެ ސާހިލް…"
ދެ މީހުންނަކަށް ވެސް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަދި އަނެއްކާ ވެސް ސާހިލް ނުވަތަ ސޫރަޖް ވާހަކަ ދައްކަން ފެށި އެވެ.
"ސާރާ…އަހަރެންނަށްޓަކައި ތިޔަވީ ކޮން ފަދަ ޤުރުބާނީއެއް. އަހަރެން އަބަދުވެސް ބޭނުންވީ ސާރާ އުފަލުގައި އުޅެން އެކަމަކު މިއަދު ސާރާ އަހަރެންނަށް އުފާ ހޯދާ ތި ދިނީ." ސޫރަޖް ހިނިތުން ވެގެން ހުރެ ހުރިހާ ވާހަކައެއް ކިޔައި ދިނެވެ.
އެވަގުތު ހުރިހާ މިހުން އެ ކޮޓަރިއަށް ވަނެވެ. ސާރާ ސޫރަޖް އާ ދުރަށް ޖެހިލި އެވެ. ހުސްނާ ވެސް ސޫރަޖް ގައިގައި ބައްދާލާމުން ކަރުނަ އޮހޮރުވި އެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނަ އެވެ.
ހުރިހާ މީހުން ގެއަޔް ދިޔަ އެވެ. ގެއަށް ދިޔުމާ އެކު ދެން ފެންނަމުން ދިޔައީ ކައިވެނީގެ ކަންތައް ތައްޔާރުވަމުން ދާ ތަނެވެ. އެންމެ މީހެއްގެ އެއް ނޫނެވެ. އާދެ ސާރާ އާއި ސޫރަޖް އެވެ. މުރާދު އާއި މީރާ އެވެ. އަދި ވިއާމާ އާއި އާދިލް އެވެ. މިކަމަށްޓަކައި ވިއާމާގެ މައިންބަފައިންނާއި މީރާގެ ބައްޕަ ވެސް ޙާއްސަ ގޮތެއްގައި އިންޑިއާ އަށް ގެނައެވެ. އަދި މީރާގެ ދޮން މަންމަ ވެސް އައިސް މީރާ ކައިރިން މާފަށް އެދުނެވެ.
"ދަރިފުޅާ. މި ފާފަވެރި މަންމަ އަށް މާފު ކުރޭ." ކަރުނައިން ފުރިފައިވާ ހާލު މީރާގެ ދޮން މަންމަ މީރާގެ ފައި ކައިރީ އިށީނދެފައި ބުނެލި އެވެ.
"މަންމާ…އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. މަންމަ އެ ދުވަހު އަޅުގަނޑު ގެއިން ނުނެރުނު ނަމަ އަޅުގަނޑަށް މުރާދެއް ވެސް ނުލިބުނީސް. " ހިނިތުންވެގެން ހުރެ މީރާ ބުނެލި އެވެ.
ހުރިހާ މީހުން ހޭން ފެށި އެވެ. މީރާގެ މަޢުސޫމުކަން ފެނި ހުސްނާ ފަޙުރުވެރިވި އެވެ. ވަރަށް އުފާވެރި މާހައުލެއްގައި އެންމެންގެ ކައިވެނި ނިމި ހަނީމޫނަށް އެ މީހުން ދަތުރު ފެށީ އޫޓީއަށެވެ.
މިއަދު އެއިން ކޮންމެ މީހެއްގެ ހިތްވަނީ އުފަލުން ފުރިފަ އެވެ. ކޮންމެ މީހަކު އެ މީހެއްގެ ބައިވެރިޔާގެ އަތުގައި ހިފައިގެންނެވެ. ސާރާ އަށް އޭނާގެ ސާހިލް ލިބުނީ އެވެ.
ވިއާމާ އަށް އެނާ ދެކެ ލޯބިވާ ބައިވެރިޔާ އާދެ އާދިލް ލިބުނީ އެވެ. މީރާއަށް އޭނާގެ ޕްރިންސް އާދެ މުރާދު ލިބުނީ އެވެ. ބިންގާ މި އެޅުނު އާ ހަޔާތުގެ ފޮނި ރަހަ އޭގެ ކޮންމެ މީހަކަށް މިއަދު ލިބުނީ އެވެ.
އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ހާމަވި އެވެ. އެ އާއިލާތަށް ފުރިހަމަވީ އެވެ. ހުސްނާމެން ވެސް މާލެ ދިޔައީ އެވެ. މިއަދު އޭނާ ވެސް ހުރީ ހަަޖެހިފަ އެވެ. ކުދިންގެ ހަޔާތް ބިނާކޮށް ދެވުނީތީ އެވެ.
(ނިމުނީ)
ނޯޓް: "އައްޑޫ ލައިވް" ގައި ޝާއިއު ކުރި ފުރަތަމަ ދިގު ވާހަކަ އަށް ކިޔުންތެރިން ދެއްވި ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމެވެ. އަދި ވަރަށް އަވަހަށް ރޯޒީގެ އާ ދިގު ވާހަކައެއް ކިޔުންތެރިންނަށް ގެނެސް ދޭނެ ވާހަކަ ވެސް ދެންނެވީމެވެ. ޝުކުރިއްޔާ