ސަރުކާރުން ހިންގަމުން އަންނަ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި 600 އަށް ވުރެ ގިނަ ދިވެހި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
ހެލްތް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖުމްލަ 633 ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ. މި ވަޒީފާ އަށް ކުރިމަތިލާ ނަރުހުންނަނކީ ނާރސިންގގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ އެވެ.
އިއުލާންގައި ބުނެފައިވަނީ ވަޒީފާ އަށް ހޮވޭ ނަރުހުންނަށް މުސާރައިގެ ގޮތުގައި މަހަކު 9،060ރ. ގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި ސަރވިސް އެލަވެންސް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ ވަޒީފާއަށް އެދޭ ފޯމް އެ މިނިސްޓްރީގެ ކައުންޓަރުންނާއި ހޮސްޕިޓަލު ނުވަތަ މަރުކަޒުތަކުން އަދި އެ އިދާރާގެ ވެބްސައިޓް http://health.gov.mvއިން ޑައުންލޯޑުވެސް ކުރެވޭނެ ކަމަށެވެ.
ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ތަކެތި ހުށަހަޅަންޖެހޭނީ 04 މާރިޗު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ.