އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ (އައިސިސްް) އާއި ގުޅުމަށް އިނގިރޭސިވިލާތުގެ ލަންޑަނުން ފިލި ޝަމީމާ ބޭޤަމް ކުއްޖަކު ވިހައިފި ކަމަށް، އޭނާގެ އާއިލާ އިން ބުނެފި އެވެ.
އޭނާގެ އާއިލާގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭޤަމް އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ޤަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް ބޭޤަމް ބަލިވެންއިން ކަމެއް ނުވަތަ ވިހާފައިވާ ކަމެއް އިތުރު އެއްވެސް ފަރާތުން ކަށަވަރުވެފައި ނުވާ ކަމަށް "ބީބީސީ" އިން ބުނެއެވެ.
އުމުރުން 19 އަހަރުގެ ބޭޤަމް ޝަމީމާ ފެނުނީ މިދިޔަ ހަފްތާގައި ސީރިއާގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިންނެވެ. އޭނާ ފެނިފައި ވަނީ "ޓައިމްސް" ނޫހުގެ ރިޕޯޓަރަކަށެވެ.
"ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ބޭޤަމް ބުނީ އޭނާގެ ދަރިފުޅަށްޓަކައި އެނބުރި ޔޫކޭ އަށް އައުމަށް ބޭނުންވާ ކަމަށާއި، މީގެ ކުރިންވެސް އޭނާ ވިހެއި ދެ ކުދިން ސީރިއާގައި މަރުވެފައިވާ ކަމަށެވެ.
އޭނާގެ އާއިލާގެ ވަކީލު، މުހައްމަދު ތަސްނީމް އަކުންޖީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭޤަމް ކުއްޖަކު ވިހާފައިވާ ކަމުގެ "ޚަބަރު ލިބިފައިވާ" ކަމަށެވެ. ނަމަވެސް ޝަމީމާ އާއި އަދި ނުގުޅޭތީ، އެ ޚަބަރު ކަށަވަރު ކުރުމަށްޓަކައި އަވަހަށް އޭނާ އާއި ގުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އާއިލާއިން ބުނެއެވެ.
ވަކީލު ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބޭޤަމް ޝަމީމާ އަށް ލިބުނީ ފިރިހެން ކުއްޖަކު ކަމަށެވެ.
It’s a boy
— Akunjee 🖋 (@mohammedakunjee) February 17, 2019
ބޭޤަމް ޝަމީމާ އާއި އިތުރު ދެ ސްކޫލް ކުދިން ކަމުގައިވާ ކަދީޒާ ސުލްތާނާ އާއި އާމިރާ އަބާސީ ސީރިއާ އަށް ގޮސް އައިއެސް އާއި ގުޅުމަށްޓަކައި އިރުމަތީ ލަންޑަންގްގެ ބެތުނަލް ގްރީން އިން ފިލީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
"ޓައިމްސް" ނޫހަށް ދިން އިންޓަވިއުގައި ބޭޤަމް ބުނީ ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި ކަދީޒާ މަރުވެފައިވާ ކަމަށާއި، ނަމަވެސް އޭނާގެ އަނެއް ރަހުމަތްތެރިޔާ އަށް ވީނުވީއެއް ނޭނގޭ ކަމަށެވެ.
ބޭޤަމް ބުނީ މީގެ ދެ ހަފްތާ ކުރިން އައިއެސްގެ ބާރުގެ ދަށުގައި އޮންނަ އިރުމަތީ ސީރިއާގެ ބަޣުޒް އިން އޭނާ ފިލާފާއިވާ ކަމަށެވެ. ނަމަވެސް ފިލުމުގެ ތެރޭގައި އޭނާގެ ފިރިހެނުން ސީރިއާގެ ހަނގުރާމަވެރިންނާއި އަމިއްލަ އަށް ހަވާލުވެގެންފައިވާ ކަމަށްވެސް އޭނާ ބުނެއެވެ.