ހެޔޮ ވިސްނޭ އެއްވެސް ދިވެހި ރައްޔިތަކު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ވޯޓް ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ނ. ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމް ވިދާޅުވީ ދިވެހި ރައްޔިތުން މިހާރު ތިބީ ހެޔޮ ނުބައި ވިސްނި ބުއްދި ސަލާމަތުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނަޝީދު ހޮވުމަށް ވެސް ރައްޔިތުން ދެން ވޮޓް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ނަޝީދު ވެރިކަމާ ހަވާލުވީ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް ދައުލަތުގެ ހަރުމުދާތައް ގާނޫނާއި ހިލާފަށް ވިއްކަން ފަށާފައިވާ ކަށާއި ތިން އަހަރުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި އިޖްތިމާއީ ހާލަތު މުޅިން ހަލާކުކޮށް ބަނގުރޫޓް ކޮށްލާފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ނަޝީދުއަށް އިންތިހާބުގެ 20 ޕަސެންޓް ވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް މައުމޫނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަންވެސް ކުރެއްވި ވިލާގެ ޗެއާމަން ޤާސިމް ވިދާޅުވި އެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާ ވަޑައިގެންނެވި އިރު ދައުލަތުގެ ދަރަނި 28 ބިލިޔަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި ނަޝީދު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ކަންމަތީ ފިހާރާއިގެ ދަރަނި ކަނޑާނުލުމުގެ ވައުދު ވެސް ނަޝީދުއަށް ފުއްދިފައި ނުވާކަމުގައި ފާހަގަ ކުރެއްވި އެވެ.
އަދި ޑޮލަރުގެ އަގު 10 ރުފިޔާ އަށް ތިރިކޮށް ދޭނެ ކަމަށް ނަޝީދު ވިދާޅުވި ފަހުން ޑޮލަރުގެ އަގު ދިޔައީ އެތައް ތަނަކުން ބޮޑުވެގެން ކަމަށާއި އެހެން ކަމުން ވެރިކަމުގައި ހުންނަވައިގެން ނަޝީދު ވަނީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައި ކަމަށް ވެސް ވިދާޅުވި އެވެ.