ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިޒް އެކްސެލެންސީ މައިކަލް ރިޗަރޑް ޕޮމްޕެއޯ އެމަނިކުފާނަށް ދެއްވި ރަސްމީ ދަޢުވަތުފުޅަކަށް، އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި ދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެ ކަމަށެވެ.
އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރއަިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާއި ވެސް މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާއިމެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެއެވެ.
ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު، މި މަހުގެ 25 އިން 27 އަށް މިނިސްޓަރ ޖެނީވާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
އެގޮތުން ޖެނީވާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ބޭނުމަކީ އ.ދ. އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމެވެ. އަދި މި ދަތުރުފުޅަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސް ގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަބޫދާބީއަށް މިނިސްޓަރ ވަޑައިގަތުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިނސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް އާއި ފޮރިން މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.