ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭފަދަ ކަމެއް އެކަމަނާ ނުކުރައްވާ ކަމަށާއި މަޖިލީހަށް ހުށައަޅައިގެން އުޅޭ މައްސަލަ ބޭރުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އަހަން މަޖިލީހަށް ހުށައަޅާފައިވާ މިދަނޑިވަޅުގައި ފާރިސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރާއި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
ފާރިސްގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުވެސް ވަނީ މާރިޔާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. އެމްޑީޕީއާ ޖޭޕީއާ ދެމެދު ކޯޅުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ރިޔާޒު ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ފާސްވިޔަ ނުދެއްވާނެ ކަމަށެވެ.
ރިޔާޒް ވެސް ވަނީ އިތުބާރު ގެއްލޭ ފަދަ ކަމެއް މާރިޔާ ނުކުރައްވާ ކަމަށާއި ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވިދާޅުވެ މާރިޔާ ދިފާއު ކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާއަށް ޕްރެޝަރު ބޮޑުވެފައިވަނީ އިންޑިޔާގެ ނޫހަކަށް އެކަމަނާ ދެއްވި އިންޓަވިއުއެއްގައި، އިންޑިޔާ އަސްކަރިއްޔާ އިން ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޑިފެންސް މިނިސްޓްރީން ފަހުން ވަނީ މާރިޔާ ދެއްކެވި ވާހަކަ އޮޅުވާލި ކަމަށް ތުހުމަތުކޮށްފައެވެ.