އެމްޕީއެލް އިން ކަނޑުމަގުން މުދާ ރާއްޖެ އަށް އެތެރެ ކުރާ ފަރާތްތަކުން ނަގާ އަގުތައް އާންމުކޮށްފި އެވެ.
އެ ކުންފުނިން ރޭ ކުރި ޢިއުލާނެއްގައި ވަނީ ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ބްރޯކަރުން އަދި ފްރެއިޓް ފޯވާޑާސް އެމްޕީއެލް އަށް ދައްކަން ޖެހޭ ފީތަކެއްގެ ގޮތަށް ދޭހަވާ ގޮތަށް ތަފާތު ނަންނަމުގައި ފީތަކެއް ނަގަމުންދާ ކަމަށެވެ.
މުދާ އެތެރެކުރާ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް މި މައްސަލަ އާއި ގުޅިގެން އެމްޕީއެލް އަށް ހުށަހެޅޭ ކަމަށާއި އެ ފަރާތްތަކުގެ އަތުން އެމްޕީއެލް އިން ނަގަން ހަމަޖެހިފައިވާ ފީތަކާއި އެހެނިހެން ހިދުމަތުގެ ފީ އިއުލާނު ކުރާ ކަމަށް އެމްޕީއެލްގެ އިއުލާނުގައިވެ އެވެ.
ކޮންޓެއިނައިޒްޑް މުދާ އަދި އެހެނިހެން މުދާ ކްލިޔާ ކުރުމަށް ހޭންޑްލިން އަދި ވޯފޭޖުގެ ގޮތުގައި ނެގުމަށް ޓެރިފްގައި ބަޔާންކޮށްފައިވާ އަގުތައް އެމްޕީއެލް އިން ވަނީ އާންމުކޮށްފަ އެވެ.
އެ ކުންފުނިން ބުނެފައި ވަނީ ވޯފޭޖް އަދި ހޭންޑްލިން ފީ ފިޔަވައި އެހެން ހިދުމަތެއް ހޯދާފައި ނުވާ ނަމަ މުދާ ކްލިޔާ ކުރުމަށް އެމްޕީއެލް އިން އެހެން ފީ އެއް ނުނަގާނެ ކަމަށެވެ.
އެމްޕީއެލްގެ ބަނދަރުން މުދާ ހުސްކުރުން ލަސްވާ މައްސަލަ އަކީ ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް މައްސަލައެވެ.