ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ނިމެންދެން ޖަލުގައި ބަންދުކުރުމަށް ހުކުމް ކުރުމުން އެއީ ޖުމުހޫރީ ޕާޓީގެ މެމްބަރުން އުފާފާޅުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ.
ޔާމީން ހައްޔަރުކުރުމުން އެކަމުގެ އުފަލުގައި ބޮނޑިބަތް ކެއްކުމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ޚިޔާލު ހުށައެޅުމުން ގާސިމް ވަނީ ރައީސް ޔާމީން ހައްޔަރުކުރުމުން އުފާފާޅުކޮށްގެން ނުވާނެ ކަމަށް ނުސީދާ ގޮތުން ވިދާޅުވެފައެވެ. "ކުނޫޒުގައި ވެސް ނުވަތަ އެހެން ތަނެއްގައި ވެސް ޖޭޕީގެ މީހުން ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމުގައި ދެކިގެން ކަމެއް ކުރުން ބުއްދިވެރިއެއް ނޫން،" ގާސިމް ކައުންސިލް މެމްބަރަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.
މިސަރުކާރު އައުމުގެ ކުރިން ގާސިމް އިބްރާހިމް ވަނީ އެކި ފަހަރު މަތިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔާމީންގެ ސަރުކާރުން ގާސިމް ނިކުމެވަޑައިގަތުމަށް ފަހު އެކި ގޮތްގޮތުން ގާސިމަށް ވަނީ ފިއްތުންތައް ކުރިމަތިވެފައެވެ.
ޔާމީންގެ ވެރިކަމުގައި ގާސިމްގެ ވިޔަފާރިތައް އިނދަޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށް ޖުމުހޫރީ ޕާޓީގެ ބައެއް ބޭފުޅުން އޭރު ވިދާޅުވިއިރު ގާސިމް އިބްރާހިމް ވެސް ވަނީ ޔާމީންގެ ވެރިކަމުގައި ޖަލަށް ލެވިފައެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމާއި ޖޭޕީގެ އިސް ބޭފުޅުންތަކެއް ވެސް ވަނީ ޖަލަށް ލާފައެވެ.