ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ހިތާމަވެރި ވަރަށް ގިނަ ހާދިސާތަކެއް ފާއިތުވެދިޔަ ތިން މަސް ދުވަސް ތެރޭ ހިނގާފައިވާއިރު އެފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ އަޅަންޖެހޭ ވަރަށް ސަލާމަތީ ފިޔަވަޅުތައް ނޭޅި ހުރުމުން ކަމަށް ފާހަގަވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އެމްއެންޑީއެފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެވެއާނަސް ޕްރޮގްރާމްތަކެއް ބާއްވަމުން އަންނަ ކަމަށާއި، އެގޮތުން އއ. އަތޮޅުގައި ގެސްޓް ހައުސްތަކަށް އަމާޒުކޮށް ބޭއްވި މިފަދަ ޕްރޮގްރާމެއްގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މެރިޓައިމް ސޭފްޓީއަށް ދޭން ޖެހޭ ސަމާލުކަން ދެވިފައިނުވާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.
ޑައިވިން އަދި ސްނޯކެލިން ކުރުމާއި މޫދަށް އެރިއުޅުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަ ކުރެވޭކަން ފާހަގަކުރުމުގެ އިތުރުން ޑައިވް ޕޮއިންޓުތަކުގައި ވެސް ސަލާމަތީ ފިޔަވަޅުތައް ފުރިހަމަވެފައިނުވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ފަތުރުވެރިން ގޮވައިގެން މޫދަށް ދާއިރު ބައެއް ފަހަރު ފަތުރުވެރިންނަށް އެ ދެވެނީ ކިހާ ފުންމިނުގެ ތަނަކަށް ކަމަށާއި އޮއިވަރު އޮތް ގޮތް ވެސް ރަނގަޅަށް ބުނެނުދެވޭ ކަމަށް ދިފާއީ ބާރުން ފާހަގަކުރިއެވެ. ބައެއް ރަށްތަކުގައި މޫދަށް އެރުމަށް ޚާއްސަ ޕޮއިންޓުތަކެއް، ނުވަތަ ސަރަހައްދެއް ކަނޑައެޅިފައިނުވާ ކަމަށާއި އެފަދަ ކަންތައް ރަނގަޅުކުރުމުން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު މަދުވެގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ދާދި ފަހުން ދޯންޏެއް އަނދައިގެން ގޮސް ހިނގި ހިތާމަވެރި ހާދިސާއަށް އަލި އަޅުވާލަމުން ބުނެފައިވަނީ ދޯނިން ގުޅާފައި އަލިފާނުގެ ހާދިސާގެ މައުލޫމާތު ދީފައިވަނީ އެރޭ ފަތިހު 4:30 އެހާކަށްހާއިރު ކަމަށާއި އެމްއެންޑީއެފަށް ދޯނިން ދިން ހަމައެކަނި މައުލޫމާތަކީ އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ކަމަށް ބުނެފައިވެއެވެ. ރޯވީ ކޮންތާކު އޮތް ދޯންޏެއް ކަން ނުބުނެވެނީސް އަލިފާންގަނޑު ބޮޑުވެ ފަޅުވެރިން ޖެހުނީ ސަލާމަތްވުމަށް މޫދަށް ފުންމާލާށެވެ.
އެމްއެންޑީއެފުން ވަނީ އެހާދިސާގައި އެހެން ދަތުރުކުރި "ދަންޑެހެލު" ދޯނި ދެއްކި ނަމޫނާ ފާހަގަކޮށް ދޯނީގެ ފަޅުވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އެ ދޯނިން އަލިފާން ރޯވެފައިވާ ދޯނީގެ ފަޅުވެރިން މޫދުން ނަގާ ސަލާމަތްކޮށްދީ ހުޅުދެއްޔަށް ގެންގޮސްދީފައިވާއިރު ހުޅުދެލީ ރައްޔިތުން ދެއްކި ނަމޫނާ ވެސް ދިފާއީ ބާރުން ވަނީ ފާހަގަކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ އަލިފާން ރޯވެފައިވާ ދޯނި ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާ ހާބާ ކްރާފްޓުވެސް އެ ސަރަހައްދަށް ދިޔަ ކަމަށެވެ. ނަމަވެސް އޭރު ދޯނީގެ ހާލަތު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭނެ ވަރަށް ވުރެ ދަށަށް ގޮސްފައިވާތީ ދޯނި ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.