ދިވެހި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި ރާއްޖޭގެ އެއްވެސް ދޯންޏަކުން މަސްވެރިކަން ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ދާދި ފަހުން ދިވެހި މަސް ދޯންޏެއް އިންޑިޔާ ކަނޑުގެ ސަރަހައްދުން މަސް ބާނަމުން ދަނިކޮށް ހިފެހެއްޓުމުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ފަހަކަށް އައިސް އެ މައްސަލަ އިތުރުވެފައިވާ ކަން ފާހަގަކޮށްލެވޭ ކަމަށެވެ.
ވަކި ހިސާބަކުން ބޭރަށް ދެވުމުން ސެޓެލައިޓު ފޯނު މެދުވެރިކޮށް ދޯންޏަށް ގުޅައި ބޭރުވެފައިވާކަން އަންގައި ރާއްޖެ ސަރަހައްދަށް ވަނުމަށް ވެސް އަންގާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މިހާރު ދިވެހިން މަސްވެރިކަން ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި ދޯނިން ދެވޭ ސަރަހައްދު އެނގޭނެ ކަމަށާއި އެކަމަށް ފަރުވާ ބަހައްޓަން ހުރިހާ މަސްވެރިންނަށް ވެސް ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އެންމެ އުތުރުން 200 މޭލުވެސް އިގްތިސޯދީ ސަރަހައްދުން ނުލިބޭނެ ކަމަށާއި އެހާ ހިސާބަށް ދެވޭއިރު އޮންނާނީ ރާއްޖެ ސަރަހައްދުން ބޭރުވެވިފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނު ބޭރުން ގާތްގަނޑަކަށް ރާއްޖެ ސަރަހައްދުގައި އޮންނާނީ 36 މޭލު ކަމަށާއި އެއަށްވުރެ ބޭރަށް މަސްވެރިކަމަށް ނުދިއުމަށް އިލްތިމާސްކުރިއެވެ. އެހެން ސަރަހައްދުތަކުގައި 200 މޭލު މަސްވެރިކަން ކުރަން ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދިވެހި ކަނޑުގެ ސަރަހައްދަށް އެހެން ގައުމުތަކުގެ މަސްވެރިން ވަނުމުން ހިފަހައްޓާ ފަދައިން ދިވެހި މަސްވެރިން އެހެން ގައުމުތަކުގެ ސަރަހައްދަށް ވަނުމުން ހިފަހައްޓާނެކަން ދަންނަން ޖެހޭ ކަމަށާއި އެފަދަ ކަންކަން ނުކުރުމަކީ އެމްއެންޑީއެފްގެ އިލްތިމާސެއް ކަމަށް ތަކުރާރުކޮށްފައިވެއެވެ.