އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރުމަށް އަނެއްކާ ވެސް އިތުރު ފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. މިއަދު އިލެކްޝަންސް އަށް ފޯމު ހުށަހެޅީ ސ.ހިތަދޫ ބްލޫލެގޫން އަހްމަދް ލަތީފެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދް ލަތީފް އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ސިޔާސީ ގޮތުން އެހާ ހަރަކާތްތެރިކޮށް މީގެ ކުރިން ފެނިފައި ުނވާ އަހްމަދް ލަތީފަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ހޯލްސޭލް ވިޔަފާރި ކުރާ ބީއެޗްއެމް ޓްރޭޑާސްގެ ޑިރެކްޓަރެކެވެ.
އަހްމަދް ލަތީފް އިންތިހާބުގައި ވާދަކުރައްވާއިރު، މިހާރު އެދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އޭނާގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލާއި މުހައްމަދު ރަޝީދް (މެޓްރިކްސް މޯޑް) އެވެ.
މީގެ އިތުރުން ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ. އަހްމަދް އަދީލް ނަސީރު އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް އަށް ފޯމު ހުށަހެޅުއްވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދީލްގެ އާއިލާގެ ފަރާތުން ވަނީ އޭނާ އިންތިޚާބުގައި ވާދަކުރައްވަން އުޅޭ ޚަބަރު ދޮގުކޮށްފައެެވެ. އެހެން ނަމަވެސް އެކަމާއި ބެހޭގޮތުން އަދީލްގެ ބަހެއް އަދި ނުލިބެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިޚާބުގައި އަދީލް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓުގައި ކަމެއް އަދި ނުނިންމަވައެވެ.
އަދީލް ވަނީ މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެބޭފުޅާއަށް ތާއީދުކޮށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންންފައެވެ. އެހެންވެ އަދީލް ވާދަކުރައްވާނީ ޕީޕީއެމް ނުވަތަ ޕީއެންސީ ޓިކެޓުގައި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.