Last Updated: November 28, 10:42
Thursday, November 28, 2024
ޚަބަރު

ރިޔާސީ އިންތިޚާބުގައި ޖަލުތަކަުގައި ވޯޓުލީ ފަރާތްތައް އަލުން ރީރަޖިސްޓްރީވާންޖެހޭ: އީސީ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޖަލުތަކުގައި ވޯޓުލީ ފަރާތްތައް އަލުން ރީ-ރަޖިސްޓްރީވާން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ވެފައިވާ ހުރިހާ ފަރާތްތައް އެމީހަކު ރަށްވެހިވެފައިވާ ރަށަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުން ފެށިގެން 02 މާޗު 2019 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:00 އިން ހަވީރު 17:00 އަށެވެ.

އީސީ އިން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އީސީ އިން ބުނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށާއި، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް އިން ބުނީ އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެ ކަމަށާއި، އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމު ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.