Last Updated: November 28, 10:28
Thursday, November 28, 2024
ދުނިޔެ

ބާނީ ސޭންޑާސްގެ ކެމްޕެއިން މެނޭޖަރަކަށް މުސްލިމެއް

ސޭންޑާސްގެ ކެމްޕެއިން މެނޭޖަރު ފައިޒް ޝާކިރް - ފޮޓޯ: ގޫގުލް

އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބާނީ ސެންޑާސް، އޭނާގެ ކެމްޕެއިން މެނޭޖަރަކަށް މުސްލިމް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

"ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި ސޭންޑާސްގެ ކެމްޕެއިން މެނޭޖަރަކަށް އައްޔަންކުރައްވާފައި ވަނީ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން (އޭސީއެލްޔޫ) ގައި ނެޝަނަލް ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމް އަދާކުރައްވަމުން ގެންދަވާ ފައިޒް ޝާކިރް އެވެ.

ޝާކިރް ވަނީ ކުރީގެ ސެނަޓް ޑިމޮކްރެޓިކް ލީޑަރ ހެރީ ރީޑްގެ ތަރުޖަމާނުގެ މަޤާމްވެސް ފުރުއްވާފައެވެ. ޑޯނަލްޑް ޓްރަމްޕް ރައީސްކަމާއި ހަވާލުވެވަޑައިގަތުމުން 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ އޭސީއެލްޔޫ އާއި ގުޅިވަޑައިގެންފައެވެ.

ސޭންޑާސްގެ ފުރަތަމަ ކެމްޕެއިން މެނޭޖަރަކަށް ހުންނެވީ ޖެފް ވީވާއެވެ. އޭނާ އަކީ މިހާރު ސޭންޑާސްގެ ސީނިއަރ އެޑްވައިޒަރެވެ.

ކެމްޕެއިން މެނޭޖަރަކަށް އަލަށް އައްޔަންކުރި ޝާކިރް އަކީ ސެންޓަރ ފޯ އެމެރިކަން ޕްރޮގްރެސްގައި ވެސް އެޑްވައިޒަރެއްގެ މަޤާމް އަދާކުރައްވާފައިވާ، ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ.

އަންނަ އަހަރުގެ އިންތިޚާބު ވެގެންދާނީ ސޭންޑާސް ވެރިކަމަށް ކުރިމަތިލައްވަވާ ދެވަނަ ފަހަރަށެވެ.

އޭނާގެ ސަޕޯޓަރުންނަށް ފޮނުވި އީމެއިލެއްގައި ސޭންޑާސް ވިދާޅުވެފައި ވަނީ އެމީހުން ފެށި ސިޔާސީ އިންޤިލާބު ނިމުމަކަށް ގެންނަ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ.