ބާސެލޯނާގެ ލިއޮނަލް މެސީ އަށް ވުރެ މުހިއްމު ކުޅުންތެރިއެއް ސްޕެއިނުގައި މިހާތަނަށް ކުޅެފައިނުވާކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓޭބަސް ބުނެފިއެވެ.
އާޖެންޓީނާގެ މެސީ ވަނީ ވަރަށް ޒުވާން އުމުރުގައި ބާސެލޯނާގެ ސީނިއާ ޓީމުން ޖާގަ ހޯދައި މެދު ކެނޑުމެއްނެތި މޮޅު ކުޅުމެއްދައްކައިފައެވެ. އެގޮތުން، ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.
"މެސީ އަކީ ބާސެލޯނާ ޓީމުގެ މުހިއްމު ކުޅުންތެރިއެއް. އޭނާ އެ ޓީމުގައި މަޑުކުރާނެ." ޓޭބަސް ބުންޏެވެ.
"އަހަރެމެން ދެކޭގޮތުގައި އޭނާ އަކީ ސްޕެނިޝް ލީގަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާ އަކީ އެހެން ކުޅުންތެރިންނަށްވުރެ ތަފާތު ބޮޑު މޮޅު ކުޅުންތެރިއެއް."
"އޭނާ އަކީ މި ލީގުގައި ކުޅުނު އެންމެ މުހިއްމު ކުޅުންތެރިޔާ. އޭނާ އަކީ ކުޅުމުގެ ފެންވަރުގެ ގޮތުން އެހެން ކުޅުންތެރިންނަށްވުރެ އެއް ދަރަޖަ ކުރީގައި އުޅޭ ކުޅުންތެރިއެއް." ޓޭބަސް ބުންޏެވެ.
މީގެއިތުރުން، ޓޭބަސް ވަނީ ހޯސޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާ އެނބުރި ސްޕެނިޝް ލީގަށް އަންނަން ބޭނުންވަކަމަށް ބުނެފައެވެ.
"އަހަރެން އަބަދުވެސް ބުނަން މޮރީނިއޯ އާއި ގާޑިއޯލާ މި ލީގަށް އެނބުރި އައުމަށް ބޭނުންވާކަމަށް."
"އެއީ މުޅިން ތަފާތު ދެ ސްޓައިލެއްގެ ކުޅުން ދަނޑުމަތީގައި ދައްކުވައިދޭ މޮޅު ދެ ކޯޗު. އެ ދެ މީހުން ވަނީ އެއީ އެންމެ މަތީ ފަންތީގެ ކޯޗުންކަން މީގެކުރީން ސާބިތުކޮށްދީފައި." ޓޭބަސް ބުންޏެވެ.