އާސެނަލަށް ކުޅެމުން އަންނަ ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލްގެ ކުރިމަގާއި ގުޅޭ އެންމެހާ ކަންތައްތައް އޮތީ އޭނާގެ އަތްމަތީގައި ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.
އުމުރުން 30 އަހަރުގެ އޮޒިލް އަށް ފަހަކަށް އައިސް ތަފާތު އެކި ސަބަބުތަކާއި ހުރެ އާސެނަލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ބޮޑެތި ޓީމުތަކާއި ދެކޮޅަށް އެ ޓީމުން ކުޅޭ ގިނަ މެޗުތަކުގައި ސްކޮޑުންވެސް އޭނާ އަށް ޖާގަ ނުލިބެއެވެ.
2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އާސެނަލް އާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އޮޒިލް އަކީ އެ ޓީމުގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޮޒިލް އަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 350،000 ޕައުންޑް ލިބެއެވެ. މިވަރުގެ ބޮޑު މުސާރައެއް ދޭ ކުޅުންތެރިއަކާއި ބަލާއިރު އާސެނަލުން މި ސީޒަނުގައި އެންމެ ފަހުން ކުޅުނު 26 މެޗުގެ ތެރެއިން 13 މެޗުގައި އޭނާ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައިވުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ބޮޑު މައްސަލައެއް ކަމަށް ފުޓްބޯޅައިގެ މާހިރުން ބުނެއެވެ.
"އޭނާ އެބަޖެހޭ ޓީމުގެ ތަމްރީންތަކުގައި އާއި މެޗުތަކުގައި މެދުކެނޑުމެއްނެތި މޮޅު ކުޅުމެއް ދައްކަން."
"އޭރުން އަހަރެމެންނަށް މެސުޓްގެ ފަރާތުން ކުރީން ފެނިގެންދިޔަ ހަގީގީ މޮޅު ކުޅުން ފެނިގެންދާނީ." އެމެރީ ބުންޏެވެ.
އޮޒިލް ވަނީ ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު އާސެނަލްގެ އޭރުގެ ރެކޯޑް ފީ އެއް ކަމަށްވާ 42 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވެ މިހާތަނަށް އައިއިރު އެ ޓީމަށް ކުޅެދިން 214 މެޗުގައި 41 ގޯލް ކާމިޔާބުކޮށް އިތުރު 73 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
އެހެންނަމަވެސް، މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ބޮކްސިން ޑޭގެ ފަހުން އާސެނަލްގެ ފުރަތަމަ އެގާރައިން އޭނާ އަށް ޖާގަ ލިބިފައިވަނީ އެންމެ މެޗެއްގައެވެ. އެކަމާއި ގުޅޭގޮތުން، މީޑިއާ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމެރީ ބުނެފައިވަނީ އޮޒިލް އަށް ޓީމުން ޖާގަ ލިބިފައިނުވަނީ އަނިޔާގެ ތަފާތު އެކި މައްސަލަތަކާއި ޓެކްޓިކަލް ސަބަބުތަކާއި ހުރެކަމަށެވެ.
އެގޮތުން، މިދިޔަ ޖަނަވަރީ މަހުގައި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެމެރީ ބުނެފައިވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އޮޒިލް ނުހިމެނުނުނަމަވެސް އޮޒިލް އަށް އަދިވެސް އާސެނަލްގައި ކުރިމަގު އެބައޮތްކަމަށާއި އެއީ އޭނާގެ ރޭވުންތެރިކަމުގައި ހިމެނޭ މުހިއްމު ކުޅުންތެރިއެއްކަމަށެވެ.
ޔުއެފާ ޔުރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގުގައި ބެލަރުސްގެ ބާޓޭ ބޮރިސޯފް އަތުން 1-0 އިން އާސެނަލް ބަލިވެފައިވާއިރު އެ ޓީމާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ ކުރީން މީޑިއާ އަށް ދިން އިންޓަވިއުގައި އާސެނަލްގެ ކޯޗު އެމެރީ ބުނެފައިވަނީ "ޓީމަށް އެނބުރި އައުމަށް މި ހަފްތާގައިވެސް އޮޒިލް ދަނީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން. ހުރިހާ ކަމެއް އޮތީ އޭނާގެ އަތްމަތީގައި." މިހެންނެވެ.