ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާ ޝަކޫރާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް މިއަދު އާޒިމާއާ ހަވާލުކޮށްފިއެވެ.
ދައުލަތުން ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރި ކަމުގެ ދައުވާ އުފުލާފައެވެ. އަދި ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާވެސް ވަނީ އުފުލާފައެވެ. ރައީސް ޔާމީން އެ ފައިސާ ލޯންޑަރ ކުރުމަށް އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވެނީ އާޒިމާއަށެވެ.
ކްރިމިނަލް ކޯޓުން ދައުވާ އާ ގުޅޭ ލިޔުންތައް އާޒިމާއާ ހަވާލުކޮށްފައިވާއިރު ދައުލަތުން ވަނީ އާޒިމާއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި އާދީއްތަ ދުވަހު ކޯޓަށް މައްސަލަ ހުށައަޅާފައެވެ.
އާޒިމާ ވަނީ އެމައްސަލައާ ގުޅިގެން މިދިޔަ މަހު ތެރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.