މޯލްޑިވްސް އިމިގްރޭޝަންގެ މަތީ މަޤާމްތަކުގައި ތިއްބެވި ދެ ބޭފުޅަކު އެއް މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅުން ކަމުގައިވާ ހާމިދު ފަތުހުﷲ އާއި އަބްދުﷲ ވަހީދު ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. އެ ދެ ބޭފުޅުންވެސް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.
އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށްވާއިރު، އެއީ ކޮން މައްސަލައެއްކަން އަދި ސާފެއް ނުވެއެވެ.
އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަޤާމުގައި ހުރި ހާމިދު ފަތުހުﷲ މަޤާމުން ސަސްޕެންޑްކުރުމާއެކު، އެ މަޤާމަށް މިހާރު ވަނީ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.
މި ސަރުކާރުން ވަނީ އިމިގްރޭޝަންގެ ދަށުން ބަލަމުން ގެންދިޔަ ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާއި ގުޅޭ ބައެއް ކަންކަން، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ދާދިފަހުން ބަދަލުކޮށްފަ އެވެ. ނަމަވެސް ވާރކް ވިސާ ދޫކުރުމުގެ ކަންތައްތައް އަދިވެސް ކުރިއަށްގެންދަނީ އިމިގްރޭޝަންގެ ދަށުންނެވެ.