Last Updated: November 28, 08:49
Thursday, November 28, 2024
ޚަބަރު

މިފްކޯގެ ސީއީއޯ އަކަށް ފައުޒީ އައްޔަންކޮށްފި

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ - ފޮޓޯ : އަވަސް

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެކްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުން މިފްކޯގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފައި ވަނީ ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެއްވި ގއ. ކޮލަމާފުށީ ރޯޝަނީގެ, އިސްމާއިލް ފައުޒީ އެވެ.

ފައުޒީ އެ މަޤާމަށް އައްޔަންކޮށްފައި ވަނީ އިއްޔެއިން ފެށިގެންނެވެ. ފައުޒީ އަކީ މިފްކޯގެ އެކި މަޤާމްތަކުގައި 22 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށްވެސް ވަނީ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަޤާމަށް އައްޔަންކުރީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު އާޝާން އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިފްކޯ، އެސްޓީއޯގެ ދަށުން ނެގުމުގެ މަސައްކަތް އާ ސަރުކާރުން ދަނީ ކުރަމުންނެވެ.